
ސަރުކާރު ކުންފުނިތައް މޮނިޓާކޮށް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގެ މުޙައްމަދު ވަހީދު އެމަގާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
ވަހީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރީ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.
އެހެންނަމަވެސް އެ މައްސަލާގައި ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ޕާސްޕޯޓްތައް މިހާރު ފުލުހުން ވަނީ ދޫކޮށްލާފައެވެ.
ވެމްކޯއާއި ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ވަހީދު އެޗްޑީސީ ބޯޑަށް އައްޔަންކުރީ މި ސަރުކާރު ވެރިކަމާއި ހަވާލުވެ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ދާދިފަހުން ޕީސީބީން ވަނީ ހައުސިން ޑިވެލޮޕމެންޓް ކޯޕޮރޭޝަން (އެޗްޑިސީ)ގެ އާ ޗެއާމަންކަމުގައި ހުންނެވި އަހުމަދު ނާސިފް އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޗެއާމަން ކަމުގެ މަޤާމަށް އައްޔަންކޮށްފައެވެ.