
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ހިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، އެ މައުލޫމާތު ފަސޭހަކަމާއެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށް ޓަކައި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ، މުސްތަގުބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްހީ ފަރުވާއާއި ހިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ހިދުމަތް ހޯދާ އާންމު ފަރާތްތަކަށް ވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، މިއަށްވުރެ ރަނގަޅު ހާލަތަކަށް ދިއުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދަރިމައިވުމަށް ޓަކައި އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުން މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާ" އެވެ.