
ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނަރޭޝަން ބޭން ތައާރަފުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ޖެނަރޭޝަން ބޭންއަކަށް ދިއުމަށް ސަރުކާރުން ގެންގުޅޭ ދީފައިވާ ތިން ހިޔާލަކީ 2000 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް މުޅި އުމުރަށް ދުންފަތް ބޭނުންކުރުން މަނާ ކުރުމެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯލްއަކަށް ހުޅުވާލައްވާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި މިފަދަ ނިންމުމެއް ނިންމަން ޖެހުނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާތީއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖެނަރޭޝަނަލް ބޭން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން ވަނީ މިނިސްޓްރީއަށް ލަފާދީފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެއެވެ.