
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
މީރާއިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިއަން ރުފިޔާއަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ މާރިޗު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސާބު ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ 8,800.05 ރުފިޔާއަށް ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަނޑައެޅި 9,240.35 ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ. ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު އަހަރުގެ އެކި ދުވަސްވަރު ތަފާތުވެއެވެ.