
ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އެޅުއްވީ ރައީސް މުއިއްޒު އެވެ.
ސަނާބިލް މަޝްރޫއުގެ ދަށުން އައިޔޫއެމްގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިންއަށް ޖާގަ ހުންނާނެ އެވެ. މި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސްކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއްމަސް ދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސްކޫކު (ސުކޫކު އިސްތިސްނާއު) ސަބްކްރިޕްޝަނަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.