
މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަގުފު އިމާރާތަކީ "ދާރުލް އަރުގަމް" އެވެ. ހުޅުމާލެ ފޭސް އެކެއްގައި އަޅާ ވަގްފު އިމާރާތައް ކިޔަނީ "ދާރުއްސަލާމް" އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު' އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުމަށް ނިންމުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
މި ވަގުފު އިމާރާތްތަކުގެ މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ނެގުމަށް ނިންމާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ވަގްފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމީ ވަގުފު ފަންޑު ތަރައްގީކުރުމަށް ކުރަމުން އަންނަ ގިނަ ގުނަ މަސައްކަތްތަކުގެ ދަށުން މިއަދު މުހިއްމު ނިންމުންތަކެއް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ނިންމުންތަކުގެ ތެރޭގައި، އިސްލާމިކް ވަގްފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި، ދާރުލްއީމާން ބިލްޑިން އަކީ އިސްލާމީ ވަގްފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަގުފުކުރެވިފައިވާ އެއްޗަކަން ކަނޑައެޅުމާއި، އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ސޮއިކުރުން ހިމެނެއެވެ.