
ގައުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގައުމުން ބޭރުގައި ގާއިމުކޮށްފައިވާ 27 ތަނެއް ބަންދުކުރަން ރައީސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އޭގެތެރެއިން 10 ތަނަކީ އެހެން ގައުމުތަކުގައި ގާއިމްކޮށްފައި ހުންނަ އެމްބަސީތަކެވެ. ދެން ހުރީ ކޮންސިއުލޭޓުތަކެވެ. "ޕާސްބެކް" ގެ ނަމުގައި ޓްރަމްޕު އިއުލާންކޮށްފައިވާ ޕްލޭން ތަންފީޒުކުރުމުން އަހަރަކު 30 ބިލިއަން ޑޮލަރު ސަލާމަތްވާނެކަމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ގަބޫލުކުރެއެވެ.
ވޮޝިންޓަން ޕޯސްޓުން ސަރުކާރުގެ ސިއްރު ލިޔުންތަކެއްކަމަށް ބުނެ ހާމަކުރި މި ލިސްޓުގައި ރާއްޖޭގައި ހުޅުވާފައިވާ އެމެރިކާ އެމްބަސީވެސް ހިމެނެއެވެ. ރާއްޖޭގެ އިތުރުން ދެން މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގްރެނާޑާ، ލަގްޒެމްބާގް، ކޮންގޯ، ގެމްބިއާ، ލެސޯތޯ، ސައުތު ސޫދާން އަދި މޯލްޓާ އެވެ.
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުރަން ނިންމާ އެ ގައުމުން ރާއްޖެއަށް ކަނޑައެޅި ރާއްޖޭގައި ހުންނަވާ ފުރަތަމަ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވީ 6 ސެޕްޓެމްބަރ 2023 ގައެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޫ-ހޯ ޔޮން އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އަރުވަނީ
އެމެރިކާގެ އެމްބަސީ މިހާރު ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެހެންނަމަވެސް އެމްބަސީ އިމާރާތް ހެދުމަށް ސަރުކާރުންވަނީ ހުޅުމާލެއިން ބިމެއް ދީފައެވެ. އަދި އެ އިމާރާތުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.