
މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ.
އޭނާގެ އާއިލާ އިން ތުހުމަތުކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެއަކުން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.
ޒަކިއްޔާގެ އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންގާރަ ދުވަހު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ފޮޓޯ ހިމެނޭ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގެ ސަފުހާތައް މަތިމަތިން ބަލާލުމުގެ ފުރުސަތު ލިބުނުއިރު، އެ ރިޕޯޓުގައި ސޮއިކުރި ބައެއް ވެސް ސާފުކޮށް ނުދޭ ކަމަށެވެ.
މި މަރާ ގުޅޭ ގޮތުން ޝައްކުތައް އުފެދިފައިވާތީ ފުލުހުން ވަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް ހޯދައިފަ އެވެ. ފުލުހުން ހިންގި ތަހުގީގު ރިވިއުކުރުމަށް ފަހު އެފްބީއައިގެ ރިޕޯޓް ވެސް މިހާރު ފުލުހަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް އެފްބީއައިގެ ރިޕޯޓާއި ވާޗުއަލް އޮޓޮޕްސީ ރިޕޯޓާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.