
އޭސީސީން ބުނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެގެ މަޤާމަށް މީހަކު ޢައްޔަނުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުއްޤުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އޭސީސީން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރުހުރި ޑރ. އިބްރާހީމް ސަމީރު އާއި، އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމުގައި އޭރުހުރި ޢަލީ ރަޝީދު ގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް ހޮވާފައިވާ ފަރާތަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫންކަމަށް އޭސީސީން ބުނެއެވެ. އަދި އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެ މަގާމަށް ޝަރުޠު ހަމަވާ ތަޢުލީމީ ސެޓްފިކެޓެއް އަދި ޝަރުތު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެފަރާތުން ހުށަހަޅާފައި ނުވާކަމަށާއި އެ އިއުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލާ ޚިލާފަށްކަމަށްވެސް އޭސީސީން ބުނެއެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހޯދިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމަށް އޭސީސީން ބުނެއެވެ.