
މިއީ މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް، ރައްކާތެރި ކުރުމުގެ ދާއިރާ އިން ދިވެއްސަކަށް ވޯލްޑް އިކޮނޮމިކް ފޯރަމުން ދިން ފުރަތަމަ ޝަރަފެވެ.
ޔަންގް ލީޑާސް ފޯރަމުގެ މި އަހަރުގެ ކްލާސް އެކުލެވިފައިވަނީ އެކި ސިނާއަތްތަކާއި އެކި ގައުމުތަކުން 116 ޒުވާން ލީޑަރުންގެ މައްޗަށެވެ. މި ޝަރަފާއެކު، ނޫރައިން ތިން އަހަރުގެ ލީޑަޝިޕް ޑިވަލޮޕްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވާނެއެވެ. ވޯލްޑް އިކޮނަމިކް ފޯރަމުން ތައާރަފު ކުރި ޔަންގް ގްލޯބަލް ލީޑަރުންގެ ފޯރަމަކީ ރަނގަޅު ދުނިޔެއެއް ބައްޓަން ކުރުމަށް ވަކާލާތުކުރާ، 40 އަހަރުންގެ ދަށުގެ ޒުވާން ލީޑަރުންގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ. މި ފޯރަމްގައި 1،400 މެންބަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި ގައުމުތަކުގެ އިސްވެރީންނާއި، ނޮބްލް ޕްރައިޒް ލިބިފައިވާ ބޭފުޅުންނާއި ދުނިޔޭގެ އެންމެ ބޮޑު 500 ކުންފުނީގެ ސީއީއޯއިން ވެސް ހިމެނެއެވެ.
އާއިޝާ ނޫރައިން ޖަނާހު: އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން ވަނީ އިސްތިއުފާ ދެއްވާފައި - ފޮޓޯ:ޑެމިއަން
ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރައްވާފައިވާ ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވައިފައެވެ. އަދި އޭނާ ވަނީ "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެދެއްވައިފައެވެ.