
މި ހަފްލާގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރި ދަރިވަރުން ދަސްވެނިވިއެވެ.
ދަސްވެނިވެ އަމަލީ މައިދާނަށް ނިކުންނައިރު، ލިބިފައިވާ އިލްމަކީ ނުހަނު ބޮޑު އަމާނާތެއްކަން ދަންނަންޖެހޭކަމަށާއި، އެ އިލްމު ފެތުރުމަށް އިސްލާމީ ޔުނިވަސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކުވެސް ނަމޫނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއަކީ މިގައުމުގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ނުހަނު މުހިންމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއްކަމަށެވެ. އަދި އަދުގެ ސަރުކާރުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ޔުނިވަސިޓީގެ ކުރިއެރުމަށް ހާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށާއި، އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަސިޓީގެ މުސްތަގުބަލައްޓަކައި އަދި ދިމާވާ ކަންކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.