
އޭނާ ލިޔެފައިވަނީ "އަމިއްލަ ކަންކަމަށް ދެވޭ ސަމާލުކަން މަސައްކަތަށް ދެވުނުނަމަ، މި އިންޑަސްޓްރީ ހުއްޓުވޭނެ ކަމެއް ނެތް" ކަމަށެވެ. މިއީ އޭނާގެ ޕްރޮފެޝަނަލް ކާމިޔާބީތަކަށްވުރެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތަކަށް ސަމާލުކަން ދެވޭތީ ކަންބޮޑުވުން ފާޅުކުރީ ކަމަށް ބެލެވެއެވެ.
ގިނަ ބަޔަކު މިއީ ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ދޭހަކޮށްދޭ ބަހެއް ކަމަށް ދެކިފައިވީ ނަމަވެސް، ޕްރިޔަންކާ ސީދާ އެކަން ކަށަވަރުކޮށްފައެއް ނުވެއެވެ.
މި ވާހަކަތައް ފެށުނީ ދެމީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކަށް އަންފޮލޯ ކުރުމާއެކުގައެވެ. އަދި އަންކިތް ދެމީހުން އެކުގައި މަސައްކަތްކުރަމުންދިޔަ "ތެރެ ހޯ ޖާޔޭން ހަމް" ޕްރޮޖެކްޓުން ތަނާޒުލުވުމުން މި ވާހަކަތައް އިތުރަށް ފެތުރުނެވެ.
ދެމީހުންކުރެ އެކަކުވެސް ރަސްމީކޮށް ގުޅުން ނިމުނުކަން ކަށަވަރުކޮށްފައެއް ނުވެއެވެ. އަދި ދެމީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަދިވެސް ހުރުމާއެކު، ބައެއް ފޭންސުން ދެކޭގޮތުގައި މިއީ އަންނަން އޮތް ޝޯއަށް ޕަބްލިސިޓީ ހޯދުމަށް ކުރާ ކަމެއް ކަމަށްވެދާނެއެވެ.