ads
އިސްލާމިކް ޔުނިވާސިޓީ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް: ރައީސް
ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނުން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އަހްލާގު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއްކަމަށެވެ. 

ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ހައްލުކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާޙުނުވާނެ ކަމަށާއި، މައިންބަފައިންގެ އަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 

ރިވެތި އަހްލާގުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމައުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

"މި މުވައްސަސާގެ ޒިންމާއަކަށް ވެސް ވާންވާނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ދަރިވަރުން އުފެއްދުމުގައި އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްތައް ކުރުން. އަޅުގަނޑުމެން އެންމެންވެގެން އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެން ބޭނުންވާ ރީތި ގޮތުގައި ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައުއަކަށް ހެދުމަށް މަސައްކަތްތަކެއް ކޮށްފިއްޔާ ހަމަޔަގީނުން ވެސް މި ކުޑަކުޑަ ގައުމުގެ މި ކުޑަކުޑަ މުޖުތަމައު އިސްލާހު ކުރެވޭނެ." ރައީސް މުއިއްޒު ވިދާޅުވެިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައާީސް ވަނީ ދެއްވާފައެވެ. ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވާސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް