
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މިދިޔަ 20 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދިނީ "ދަރަނި ފުންޏެއް" ކަމަށެވެ.
އުމަރު ވިދާޅުވާ ގޮތުގައި މަލްޓި ޕާޓީ ނިޒާމު ރާއްޖޭގައި ވަނީ ފެއިލްވެފައިވާކަމަށެވެ. އޭނާ ސިފަކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތައް މިހާރު ވެފައިވަނީ ގައުމުގެ ކުރިމަގަށް އެޅޭ ހުރަހަކަމަށެވެ.
ސިޔާސީ ޕާޓީތަކުން ރާއްޖެއަށްވީ އިހުމާލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ވަރުގަދަ ލީޑަރެއް މި ގައުމަށް ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވޯޓުދޭއިރު ރައްޔިތުން އިސްކަން ކުރަންވީ ޕާޓީގެ ބަދަލުގައި ގާބިލް މީހާކަން އުމަރު ފާހަގަކުރެއްވިއެވެ.
އުމަރަކީ 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެކެވެ. އަދި ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު، ވަކި ހިސާބަކުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވިއެވެ.