
ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެކަމަށް ތާއީދު ހޯދުމަށް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކެމްޕެއިންނެއް ވެސް ވަނީ ފަށާފައެވެ.
މި ކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސްް ފައިސަލް ނަސީމް ވިދާޅުވީ ގާނޫނު އަސާސީއަކީ އެވަގުތަކު ވެރިކަމުގައި ހުންނަ މީހަކު ބޭނުންވީމާ ބޭނުންވާ ގޮތަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެކަމަށެވެ. ފައިސަލް ނަސީމް ވިދާޅުވީ އިތުރު ދައުރެއް ހޯދުމަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޤާނޫނު އަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްގު ކަށަވަރުކޮށްދޭ އެއްޗެއް ކަމަށާއި އެއީ ރަމްޒީ އެއްޗެއް ނޫންކަންވެސް ކުރީގެ ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއްބުރުން އިންތިހާބު ނިންމަން ތާއިދުކުރައްވާކަން ކުރީގެ މުހައްމަދު ނަޝީދުވެސް ވަނީ ހާމަކުރައްވާފައެވެ. އެެހެންނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަމުން އަންނަނީ އެއީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުން ރައީސް މުއިއްޒު ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ.
އޭރު ރައީސް ވިދާޅުވެފައިވަނީ މިއީ އެޓަރނީ ޖެނެރަލާ ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް ކަމަށާއި ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށެވެ.
ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.
ހަތަރު އިންތިހާބުގައިވެސް ވެރިކަން ލިބުނީ ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެންނެވެ.