
މިގޮތުން "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމް" ގެ ދަށުން އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ފުރުސަތާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން ދެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަޝިޕްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އަންނަ ބުރާސްފަތި ދުވަހު ސެޝަނެއް ބޭއްވުމަށް ސްޓެލްކޯއިން ނިންމާފައިވެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މައުލޫމާތު ސެޝަން އޮންނާނީ އަންނަ ބުރާސްފަތީ ދުވަހުގެ ހެނދުނު 11 އިން 12 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ) ގައި ކަމަށެވެ. އަދި އޭގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަނެއް މެންދުރުފަހު 1 އިން 2 އަށް ވެސް ބާއްވާނެ ކަމަށާއި، އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ފޮނުވައިގެން ރަޖިސްޓަރީ ވުމަށް އެދިފައިވެއެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ މީހުންނަށް ކަމަށާއި، ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ "އޭ ސްޓާ" އަދި "އޭ" އެއް ހޯދާފައިވާ ނުވަތަ އެއާ އެއް ފެންވަރެއްގެ އައިބީ ސެޓްފިކެޓެއް އޮތް މީހުންނަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ، ދެކޮޅު ޓިކެޓް، ވިސާ ފީ އަދި ފޮތްތަކަށް ދޭ އެލަވަންސް ސްޓެލްކޯއިން ހަމަޖައްސައިދޭނެއެވެ. ނަމަވެސް ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓާންޝިޕެއް ފުރިހަމަކޮށް، ކޯސް ނިންމުމަށްފަހު ސްޓެލްކޯގައި ހިދުމަތްކުރަންޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.