
ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލުމަށް ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކޮމިޓީގެ ނިންމުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ މެންބަރުންގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. "ކޮމިޓީން އަމަލުކޮށްފައިވަނީ ދިފާއުވުމުގެ އަސާސީ ހައްގާ ހިލާފަށެެވެ. މައްސަލައިގެ މައުލޫއުއާ ގުޅޭގޮތުން އެކުލަވާލާފައިވަނީ ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއް ފަރާތްކޮށްފައިވާ ރިޕޯޓެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ވަކީލްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އަޒްމިރަލްދާގެ ސުލޫކީ މައްސަލަ ބެއްލެވި ކޮމިޓީގައި ހިމެނޭ ތިން މެންބަރުންނަކީ ވެސް ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ކަމަށް ވާތީ، އެ މެންބަރުން ތިއްބަވައިގެން ހަގީގަތާ ހިލާފު ރިޕޯޓެއް އެކުލަވާލާފައިވާކަން ރައީސްގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
ކޮމިޓީގެ ރިޕޯޓްގައި ހަގީގަތާ ހިލާފަށް ބަޔާންކޮށްފައިވާ ބައެއް ކަންކަން ވެސް ވަކީލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން، ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ނޫންކަމަށް ފަނޑިޔާރު ހުށަހެޅުއްވި ހެކިތަކުން އެނގެން އޮތްއިރު، ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށެވެ.
ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި މައްސަލާގައި އަޒްމިރަލްދާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާކަމަށް ބުނެފައިވެއެވެ. އެކަން ސާފުކޮށް ސާބިތުވާން އޮތުމުން، ފަނޑިޔާރު މަހާޒު މެދުވެރިކޮށް ދަށު ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެ ކޮމެޓީގެ ތުހުމަތު ބަދަލު ކޮށްފައެވެ.