
މި މައްސަލަ އާއި ގުޅިގެން މިހާރު ދެމުންދާ އޮޅުންބޮޅުން އަރުވާ މައުލޫމާތުތައް ދޮގު ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އެކްސް ޕްލެޓްފޯމުގައި ޕޯސްޓެއްގައި ވިދާޅުވީ، މިއަދާ ހަމައަށްވެސް މި މައްސަލަ ބަލަމުންދާ އެއްވެސް ފަރާތަކަށް އެއްވެސް ފޯނު ކޯލެއް ނުވަތަ މެސެޖެއް ނުކުރައްވާ ކަމަށާއި ތަހުގީގަށް ނުފޫޒެއް ފޯރުވޭ ކަމުގެ ތުހުމަތަކުން އެއްކިބާވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށެވެ.
މިނިސްޓަރު އަމީންގެ ބަޔާނުގައި، މި މައްސަލަ ހިނގާފައިވަނީ އޭނާ ދިރިއުޅުއްވާ އިމާރާތުގައި ކަމަށް ވިދާޅުވެފައިވާއިރު، އެއީ އޭނާގެ އަމިއްލަ ގެއަކަށް ނުވާކަމަށާއި އެއީ އޭނާގެ ތިން އެއްބަނޑު އެއްބަފާ ބެއިން ހިއްސާވާ އިމާރާތެއްކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު އޭނާ ދިރިއުޅުއްވާ ގޯތީގައި ކަމަށާއި، ނަމަވެސް އޭނާގެ ގެއިގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށާއި އަދި މިކަމާމެދު އޭނާއަށް އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގޭ ބޭރުގައި ހިނގާ ކަންކަމަށް އޭނާއަށް ކޮންޓްރޯލެއްނުކުރެވޭނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެ ބައްދަލުވުމުގައި އޭނާގެ ދެ ކޮއްކޮ ފިރިކަލުންގެ ދަރިއަކާ ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން ސުވާލުކުރެވިފައިވާކަމަށެވެ. އަދި، މިކަމުގެ މައުލޫމާތު އޭނާއަށް ހުކުރު ދުވަހުގެ ހަވީރު ލިބުނުކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގައި އޭނާ އަދާކުރައްވާ މަގާމުގައި ގާނޫނު ތަންފީޒުކުރުމާއި ތަހުގީގުކުރުމުގެ އެއްވެސް ޒިންމާއެއް ނޯންނަކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ހާދިސާގައި 21 އަހަރުގެ އަންހެން ކުއްޖާގެ ހާލަތު ސީރިއަސްކަން ފާހަގަކުރައްވައި، ކުއްޖާގެ އަވަސް ރަނގަޅުވުމަށްޓަކައި ދުއާކުރައްވާކަންވެސް ބަޔާނުގައި ހިމަނުއްވާފައިވެއެވެ.