
އެންމެ މީހުން ގިނައީ ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ކުރާ މުޒާހަރާގައެވެ. އެތައް ސަތޭކަ ޒުވާނުންނެއް ވަނީ މަޖީދީ މަހުގެ ބޮޑުބައެއް ފުރާލައިފައެވެ. ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ސަރަހައްދުގައި ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖީމަގުން ގޮސް އަލި ރަސްގެފާނު މަހުން މުލިއާގެއާ ދިމާލަށް ގޮސްފައެވެ. އެ ސަރަހައްދުގައި އެވަގުތު އެމްޑީޕީން ވެސް ދިޔައީ މުޒާހަރާ ކުރަމުންނެވެ. މީގެ އިތުރުން ޓެކްސީ ޑުރައިވަރުން ވެސް އަންނަނީ ޓްރާންސްޕޯޓު މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރާ މުޒާހަރާއަކީ ޒުވާނުން މުޒާހަރާކުރި ދެ ވަނަ ރެއެވެ. ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާކަމަށް ބުނެ ޒުވާނުން އަންނަނީ ފާޑުކިޔަމުންނެވެ. މީގެއިތުރުން އިހުތިޖާޖުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ. މަޖީދީމަގުގެ ބޮޑު ބައެއް މިރޭ ވަނީ ޒުވާނުން ނުކުމެ ފުރަލާފައެވެ.
ފުލުހުން މިހާރު ވަނީ ޔުމްނުގެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް، 21، ހައްޔަރުކޮށްފައެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވެއެވެ.
ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ ސޯޝަލް މީޑިއާގައި ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމުންނެވެ.