
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މަޖިލީހުގައި، ދިވެހި ރެޑް ކްރެސެންޓްގެ އެކި ގޮފިތަކުގެ މަންދޫބުންނާއި ޖަމްއިއްޔާގެ އިސް މެމްބަރުން ބައިވެރިވެއެވެ.
މަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ރެޑް ކްރެސެންޓްގެ އިންޓަރިމް ރައީސް ރަޝީދާ އަލީ ވިދާޅުވީ، 2024 ވަނަ އަހަރަކީ ދިވެހި ރެޑް ކްރެސެންޓަށް 15 އަހަރު ފުރޭ އަހަރު ކަމަށާއި، މި މުއްދަތުގައި ރާއްޖޭގައި އެންމެ ގިނަ ދަރުމަވެރިންގެ މައްޗަށް ބިނާވެފައިވާ އިންސާނިއްޔަތަށް ހިދުމަތްކުރާ ނަމޫނާ ގައުމީ ޖަމްއިއްޔާގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.
އެމްއާރުސީގެ ހިދުމަތްތައް އަމާޒުކުރެވިފައިވަނީ ކާރިސާތަކަށް ތައްޔާރުވުމާއި، ކުއްލި ހާލަތުގައި އިޖާބަ ދިނުމާއި، ނަފްސާނީ ފުރަތަމަ އެހީތެރިކަން، ސިއްހަތާއި ދުޅަހެޔޮކަން، ޒުވާނުން ބާރުވެރިކުރުވުން އަދި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމާއި ތައްޔާރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޖިލީހުގައި ދިވެހި ރެޑް ކްރެސެންޓްގެ ކުރިއަށް އޮތް އަހަރުތަކުގެ ސްޓްރެޓެޖިކް ޕްލޭން މަޝްވަރާކޮށް ފާސްކުރުމާއެކު، އާ ލީޑަރޝިޕް އިންތިހާބު ކުރުން ފަދަ މުހިންމު ކަންތައްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކުގެ މުރާޖައާއެއް ހެދުމާއި، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.