
މި މައްސަލައިގައި އިންފުލުއެންޒަރަށް ފާޑުކިއުން އަމާޒުވެފައިވާއިރު، އެމްއެމްއެސް ސްޓައިލްގެ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއްގައި މިނަހިލް އޭނާގެ ބޮއިފްރެންޑާއިއެކު ކަމަށް ބުނެ އިންޓަނެޓްގައި ދައުރުވި ވީޑިއޯއާ ގުޅިގެން އެއީ ބަޔަކު އުފައްދާފައިވާ ޑީޕްފޭކް ވީޑިއޯއެއް ކަމަށް ބުނެ މިނަހިލް ވަނީ ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އަށް މައްސަލަ ހުށަހަޅާފައެވެ.
މި މަހު ވީޑިއޯ ލީކުވި ފަހުން މިނަހިލް ވަނީ އުމްރާއަށް ގޮސް ކުރު މުއްދަތަކަށް ސޯޝަލް މީޑިއާ ދުރަށް ވެސް ދިޔައެވެ.
ނަމަބެސް އޭނާ އަނބުރާ ސޯޝަލް މީޑިއާއަށް އައުމާއިއެކު، ޢީދު ފާހަގަކުރަމުންދާ ދުވަސްވަރު އިތުރު ވީޑިއޯތަކެއް ކަމަށް ބުނާ ކޮންޓެންޓް ވަޓްސްއަޕް އަދި ޓެލެގްރާމް ގްރޫޕްތަކުން ފެތުރުނެވެ.
މި ވީޑިއޯތަކާ ގުޅިގެންވެސް މިނަހިލް ބުނެފައިވަނީ އެއީ ހަދާފައިވާ ވީޑިއޯތަކެއް ކަމަށާއި، ބައެއް މަޢުލޫމާތު ދޭ ފަރާތްތަކުން ބުނެފައިވަނީ މި ވީޑިއޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯތަކެއް ކަމަށެވެ.