
ސާޖިދާ މިހެން ވިދާޅުވީ މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީވެސް އެއްގޮތަކަށްވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ގާލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމަށް ފާހަގަކުރައްވަމުން، ސާޖިދާ ވިދާޅުވީ މި ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށެވެ. އަދި ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ގަރލްގައިޑްސް ހަރަކާތުން ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމާއި، އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ.
ދިވެހި އަންހެނުން ގައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ އިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް ބާރުއެޅުއްވިއެވެ.
މީގެއިތުރުން، މި ޖަލްސާގައި ގާލްގައިޑްސްގެ ވެބްސައިޓް އިފްތިތާހުކުރުމާއި، ގާލްގައިޑްސް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކުރުންވެސް ކުރިއެވެ.