ads
ނެލިވަރު ފިނޮޅު
ނެލިވަރު ސަރަހައްދުގައި ރޯކޮށްގެން، ސޮނެވާފުށި 4 ލައްކައިން ޖޫރިމަނާ
ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަނުމުން ބޮޑު އަދަދަކުން އެ ރިސޯޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވެ.
Advertisement

އީޕީއޭއިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18  ވަނަދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށްވަދެ، އެ ސަރަޙައްދުގައި ގަވާއިދާ ހިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. 

ޢީޕީއޭއިން ބުނީ  ބ. ނެލިވަރު ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމާއި، އަދި އެ ސަރަޙައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ސޮނެވާފުއްޓަށް 11 ޖޫން 2024 ގައި ސިޓީ އެއް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 މީހުން ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވާކަމަށެވެ. އަދި އެކަން އެމީހުން ކޮށްފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަމަށްވެސް އީޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

" ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެ އެ ސަރަޙައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން ޢަމަލުކޮށްފައިވުމާއި އަދި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވޭ." އީޕީއޭގެ ބަޔާނުގައިވެއެވެ.

ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަޙައްދަށް ދިޔުމުން އެތަން ދޫކޮށްދިޔުމަށް ބަޔޯސްފިއާ ރިޒާވްގެ މުވައްޒަފުންނާއި ފުލުހުން އެންގުމުންވެސް އެންގި އެންގުމާއި ހިލާފުވެ، އެފަރާތްތަކަށް އެއްބާރުލުން ދީފައި ނުވާކަމަށްވެސް އީޕިއޭއިން ބުނެއެވެ. އަދި ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށްފަހުކަމާއި، އެ ސަރަޙައްދު ސާފުކޮށް ނިމިފައިކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ. އެހެންނަވެސް ސޮނުވާފުށި ޖޫރިމަނާކުރިންކަން އީޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

" އިސްވެ ބަޔާންކުރެވު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށްވަދެ، އަދި ހަމައެހެންމެ، އެ ސަރަޙައްދުގައި ގަވާއިދާ ހިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވުމަކީ ޤާނޫނު ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ ޢަމަލުތަކެއް ކަމުގައި ކަނޑައަޅައި އެފަރާތް -/448,375 (ހަތަރުލައްކަ ސާޅީސް އަށްހާސް ތިންސަތޭކަ ހަތްދިހަ ފައެއް) ރުފިޔާއިން ޖޫރިމަނާ ކުރެވިފައިވާކަން ދަންވަން." އީޕީއޭގެ ބަޔާނުގައިވެެެއެވެ.

އީޕީއޭއިން ވަނީ މި ފައިސާ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކައި ހަލާސްކުރުމަށްވެސް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް