ads
އަނަސް
އަނަސްގެ މަރުގެ ދައުވާ ލިބޭ މީހުން ހައިކޯޓުން ދޫކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓް
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
Advertisement

މާލޭގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ޖުލައި މަހު ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލުމަށްފަހު، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ނިންމީ އެ މީހުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ހައިކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށްފަހު ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފު މަރުހަލާގައި މީހުން ބަންދުކުރާނެ ހާލަތްތައް ތަފްސީލްކޮށްފައިވާ ކަމަށާއި، ގާނޫނުގައި ނެތް ކަންކަމަށް ރިއާޔަތްކޮށް ބަންދު ނުކުރަން ނުނިންމޭނެ ކަމަށެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް މި ރައުޔަށް ތާއީދުކުރެއްވި ނަމަވެސް، ފަނޑިޔާރު އައިޝާ ޝުޖޫން ތާއީދެއް ނުކުރައްވައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގައިވާ ގޮތުން އިސްތިއުނާފު މަރުހަލާގައި މީހަކު ބަންދުކުރާއިރު، ތުހުމަތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރިތޯއާއި، ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްތޯ އަދި މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލުމުގެ އިހުތިމާލު އޮތްތޯ ބަލަންޖެހެއެވެ. 

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކޮށްފައިވާއިރު، އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން އިއްވާފައިވީނަމަވެސް، އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް