
އުރީދޫ އީސިމް ވެއާރަބަލްސްގެ ހިދުމަތް އެޕްލް ވޮޗްތަކަށް ތައާރަފުކޮށްފައި ވާއިރު، މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ހިލޭ ލިބޭނެ އެވެ. އެ އޮފާގެ މުއްދަތަށް ފަހު މަހަކު 200ރ. އަށް ހިދުމަތް ލިބޭނެ އެވެ. އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ ހިދުމަތް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.
އީސިމް ވެއަރަބަލްސްއިން އައިފޯނާއި ނުލައި އެޕަލް ވޮޗް މެދުވެރިކޮށް ފޯންކޯލުކުރެވޭނެ އެވެ. މި ހިދުމަތުގައި ފޯނާއި އެޕަލް ވޮޗްގައި ވެސް ބޭނުންކުރާނީ އެއް ނަންބަރެއްގެ ސިމް އެވެ.
މިއީ ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް، ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށް އުރީދޫން ބުންޏެވެ.
އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ-2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަދި މި ކަމަށް ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް https://ore.do/applewatch އަށް ޒިޔާރަތްކުރުމަށް ވެސް އުރީދޫއިން ވަނީ ބުނެފަ އެވެ.