
މި ލޯންޗަކީ އ. އަތޮޅުގެ ފެރިދޫ، މާޅޮސް އަދި ހިމަންދޫއާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ. ލޯންޗުގައި ރޯވީ ފަތިހުގެ ވަގުތެއްގައި ކަމަށާއި، އޭރު އެ ލޯންޗު ވަނީ ހެނދުނު ފުރަން ތައްޔާރުވެފައި ކަމަށް އެރަށު މީހުން ބުނެއެވެ.
ލޯންޗުގައި އެއްޗެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފާފައެވެ. އަދި ލޯންޗު އަނދަމުން ދިޔަ ވަގުތު ބާރުގަދަ އެއްޗެހިތަކެއް ގޮވާ އަޑުވެސް އިވެއެވެ. ލޯންޗުގައި ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލޯންޗު އަނދާ ހުލިވެ ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވާކަން ފާހަގަކުރެވެއެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ސިފައިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ލޯންޗުގައި ރޯވި ސަބަބާއި ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.