
ވާނުވާ ބަންދަކީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލުގައި ބަންދުކުރުމަށް މިހާރު އާންމުކޮށް ކިޔާނަމަކެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ތިބުމުން، އެމީހުން ގޭބަންދަށް ނުވަތަ މުޖުތަމައަށް ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި މިވަގުތު ވާނުވާ ބަންދުގައި ތިބީ 354 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ތުހުމަތުގައި 108 މީހުން، ޓެރަރިޒަމްގެ ތުހުމަތުގައި 17 މީހުން، މީހުން މެރުމާއި މާރާމާރީ ހިންގުމުގެ ތުހުމަތުގައި 70 މީހުން އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 110 މީހުންނެވެ.
"އަޅުގަނޑު ޕޮލިހާއި ވެސް ސުވާލުކުރިން. އޭޖީއާ ވެސް ސުވާލުކުރިން. އެ މީހުން ނެތްހެއްޔޭ އަޅުގަނޑުމެންނަކަށް ރިމާންޑު ޖަލުން ނެރެ، މައްސަލަ ނިމެންދެކަށް އެމީހުންގެ ގެއަށް މިސާލަކަށް ފޮނުވާލެވޭނެ ގޮތެއް ވެސް. މިއޭ މައްސަލައަކީ. މިކަހަލަ ކުށްތަކުގައޭ މިހިރީ. ތުހުމަތުތަކުގައޭ މިހިރީ," ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޖެނުއަރީ 20 ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން ކޮންމެވެސް ވަރަކަށް ވާނުވާ ބަންދަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީހުންނަށް މަހެއްގެ މައްޗަށް ބޮލަކަށް 27،000 ރުފިޔާ ހަރަދުވާ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.