
އުމުރުން 59 އަހަރުގެ އެލިޒަބެތް ހާލީ އޭނާގެ ޗުއްޓީގެ ފަހު ދުވަސްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ޝެއަރކޮށްފައިވެއެވެ. މި ޕޯސްޓްގައި އޭނާ ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީއަށް ޝުކުރުވެރިވެފައެވެ.
އެލިޒަބެތް ހާލީ ޝެއަރކޮށްފައިވާ ފޮޓޯތަކުގައި އޭނާ ފެންނަނީ އޭނާގެ އަމިއްލަ ސްވިމްވެއަ ބްރޭންޑް "އެލިޒަބެތް ހާލީ ބީޗް" ގެ "ބްލޭޒް" ޑިޒައިންގެ ރަތް ބިކިނީއެއްގައި ހުދު ވެލިގަނޑުގައި އުޅޭ ތަނާއި، ރުއްގަސްތަކާ ދިމާލަށް ޕޯސްދީގެން ހުންނަ ތަނެވެ. މީގެ އިތުރުން އޭނާ ވަނީ ޕިންކް ކުލައިގެ ބެކްލެސް މެކްސީ ހެދުމެއްގައި ނެގި ފޮޓޯތަކާއި، އޭނާ މަޑުކޮށްފައިވާ ހޮޓެލް ވިލާގެ މަންޒަރުތަކާއި ރާއްޖޭގެ ކާނާގެ ފޮޓޯތައްވެސް ޝެއާކޮށްފައެވެ.
އެލިޒަބެތް ހާލީ ޗުއްޓީގައި މަޑުކޮށްފައިވަނީ ބަގްލިއޯނީ މޯލްޑިވްސް ރިސޯޓުގައެވެ. މި ރިސޯޓަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. އޭނާގެ ޕޯސްޓްތަކަށް ފޮލޯވަރުންނާއި އޭނާގެ ދަރިފުޅު ޑޭމިއަން ވަނީ ކޮމެންޓްކޮށް އޭނާގެ ޒުވާން ލުކްތަކަށް ތައުރީފުކޮށްފައެވެ. އެލިޒަބެތް ހާލީ ޕޯސްޓްގައި ލިޔެފައިވަނީ "ސަން، ސީ އެންޑް ސޭންޑް" އަށް ޝުކުރުވެރިވާ ކަމަށާއި އޭނާގެ ސްވިމްވެއަ ބްރޭންޑަށް ޝައުގުވެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.