ads
ކުށުގެ ސަޒާ - 17 ވަނަ ބައި
އެޕިސޯޑް 17
Advertisement

ނިދިފައި އޮތް ފިޒާގެ ލޮލުގައި މަޑުމަޑުން ތާބިޝް ކިސްކޮށްލި އެވެ. އެސްފިޔަ ތަޅުވާލާފައި ފިޒާ މަސައްކަތްކުރީ ދެ ލޯ ހުޅުވުނަ ނުދޭށެވެ. ފެންނަމުން ދިޔަ ހުވަފެން ކިތަންމެހާވެސް ހިތްގައިމެވެ. ތާބިޝްގެ އޯގާތެރި ފިރުމާލުމާއި ލޯބިލޯބި ގޯނާތަކުން ފިޒާއއަށް ލިބެމުންދިޔައީ އަރާމެވެ. 

ވަށައިގެންވަނީ ހިތްގައިމު ބަގީޗާއެކެވެ. ފޮޅިފައިވާ ކުލަކުލައިގެ މާމެލާމެލީގެ މެދުގައި ބަހައްޓާފައި ހުރީ އަރާމު އެނދެކެވެ. އެ އެނދުގައި ފިޒާ ނިދާލާފައި އޮތީ، އެއަށްވުރެ އަރާމު ތަންމައްޗެއްގައި ދުވަހަކުވެސް ނިދާލަން ލިބިފައިނުވާ މީހަކު ފަދައިންނެވެ.

"އައި ލަވް ޔޫ ތާބިޝް"

ހުވަފެނީ ބުނެލުމެކެވެ. ފިޒާގެ ދުނިޔެއަށް ލިބުނީ އާރޯކަމެވެ. ފަޒާގެ ތެރޭގައި ދައުރުކޮށްލި ފިނިފިނި ވައިރޯޅި ފިޒާގެ މޫނުގައި ބީހިލައިފި އެވެ. ގުލްދާސްތާގެ ހިތްގައިމުކަން މުޅި ހަށިގަނޑަށް ފޯރައިފި އެވެ.

ކުދިކުދި ގޯނާތަކުން ފިޒާގެ ޖަޒްބާތުތައް ހޭލައްވާލާފައި ތާބިސް ޖެހިލީ ދުރަށެވެ. ފިޒާއަށް ފުރަގަސްދެމުން ފިޔަވަޅުއެޅީ ކުރިއަށްވުރެންވެސް ދުރަށެވެ. މިވަގުތުކޮޅަށް ނިމުމެއް އަންނާކަށް ފިޒާ ބޭނުމެއް ނޫނެވެ. ފަހަތުން ގޮސް، ބާރަށް ބައްދާލަން މަސައްކުރީ އެހެންވެ އެވެ.

"ޕްލީޒް ޑޯންޓް ގޯ.. އައި ލަވް ޔޫ.." ފިޒާގެ އަޑުގައިވަނީ އާދޭހެވެ.

ތާބިޝްގެ އަސަރުގަދަ ދެ ލޯ ދުށުމަށް ހިތް މަޖުބޫރުކުރަނީ އެވެ. މޫނުމަތީގައިވީ ލުއި ހިނިތުންވުމާއެކު ފިޒާ ލޯ ހުޅުވާލި އެވެ.

"ތާބިޝް" 

ލިބުނު ހައިރާންކަމުގައި ފިޒާއަށް ބުނެވުނެވެ. 

ދާދި ދެންމެ، ފިޒާއަށް ފެނުނީ ތާބިޝް އެނބުރި ދިޔަ މަންޒަރެވެ. ނަމަވެސް މިވަގުތު ތާބިޝް އިނީ ފިޒާގެ ލޯކުރރިމަތީގަ އެވެ. ހިތުވިންދުގެ އަޑު އިވޭ ހިސާބުގަ އެވެ. ފިޒާ ލޯ މަރައިލި އެވެ. ހަގީގަތަކީ ކޮބައިކަން އެނގެން ބޭނުމެވެ. ކުރިން ފެނުނީ ހުވަފެނެކެވެ. ލޯހުޅުވުމުން މިފެންނަނީވެސް ހުވަފެނެކެވެ. ފިޒާގެ މޫނާއި ނިއްކުރި އަދި ބޮލުގައި އަތް ޖައްސާލި އެވެ. އަމިއްލަ ނަފުސުގެ އިހްސާސްތައް ފިޒާ ޔަގީންކުރަން ބޭނުންވީ އެވެ. ވަގުތުގެ ހަގީގަތް ދެނެގަންނާން އެހެން ގޮތެއް ނެތެވެ.

"އައި ލަވް ޔޫ ޓޫ ފިޒާ" ކަންފަތް ބުޑުގައި ތާބިޝްގެ އަޑު ގުގުމާލި އެވެ.

ކޯތާފަތުގައި ތުނިތުނި ތުނބުޅި ހޭކިގެންދިޔަ ވަގުތު މުޅި ހަށިގަނޑުގައި ކަރަންޓުގެ ރާޅެއް ދުވެލި އެވެ.

ލިބުނީ ޝޮކެކެވެ. ދެލޯ ބޮޑުކޮށް ތަންމިނަން އަނގަހުޅުވާލެވުނެވެ.

"އަހަންނަށް ބުނެބުނީ އެހައި ބާރަށްތަ..؟" އަމިއްލަ ނަފުސާއި މުހާތަބްކޮށް ފިޒާ ބުނެލި އެވެ.

"ފިޒާގެ ދުލުން އަޑުވީއްލާ ބުނާއަޑު އިވުން އަހަންނަށް މުހިއްމެއް ނޫން.. ފިޒާގެ ހިތުގައި އޮތް އެއްޗަކާއި، ފިޒާގެ ހިތުގައި އަހަންނަށްޓަކައި އޮތް ލޯބި، ވަރަށް ރަގަޅަށް އެނގޭ..!" ލިބުނު ހައިރާންކަމުގައި ފިޒާގެ އަނގައިން ނިކުތީ އާހެއްގެ އަޑެވެ.

"ދުވަހަކުވެސް ފިޒާ އަހަންނަށް މައާފް ނުކުރާނަންތަ؟" ރިހުމުން ފުރިގެންވީ އާދޭހަކުން ތާބިޝް ސުވާލުކޮށްލި އެވެ. ފިޒާގެ މޫނުގެ ކުލަ ބަދަލުވެގެންދިޔައީ ސިކުންތެއްގެ ތެރޭގަ އެވެ.

"ޕްލީޒް ފިޒާ" ރަތްވެފައިވާ ދެލޮލުން ކަރުނަ ވިދާލި އެވެ.

ހަރު ހިލަގަނޑެއްވެސް މަޑުފުށްކޮޅަކަށްވާހައި ހިއްދަތި އާދޭހެކެވެ. މަޑުމަޑުން ފިޒާ ގާތްވެލީ ތާބިޝްގެ އަތުގައި ފިރުމާލާފަ އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ފިޒާ ލޯ މަރައިލި އެވެ. އަނދިރީގެ ތެރެއިން އެނބުރިގަތީ މާޒީގެ ހިތި ހަންދާންތަކެވެ. ކުއްލިޔަކަށް ތާބިޝްގެ އަތުން ވީއްލިގެން ފިޒާ ތެޅިގަތެވެ.  ފިޒާއަށް މިއައި ބަދަލު ތާބިޝް ހާސްކުރުވައިފި އެވެ. މަސައްކަތްކުރީ ފިޒާގެ އަތުގައި ހިފުމަށެވެ. ނަމަވެސް ފިޒާގެ ހަރަކާތް މިވަގުތު މާ ހުށިޔާރެވެ. ތާބިޝް އަތްލިޔަވެސް ނުދިނެވެ. އެނދުން ތެދުވެ، ސޯފފާގައި އޮތް ޝޯލް ނަގައިގެން ޑްރެސިންގޓޭބަލްއާއި ދިމާއަށް ދުއްވައިގަތީ ބާރަށެވެ.

ތާބިޝްއަށް އެހިސާބަށް ދެވެންވާއިރަށް ޕިނެއް ނަގާފައި ކަރުދޮށަށް ޖަހައި ފަސޭހަގޮތަކަށް، ކުޅަދާނަކަމާއެކު ފިޒާ ޝޯލްއަޅައިފި އެވެ. ކަރުދޮށަށް ޕިންޖެހުމުގެ ތެރޭގައި ދެފަހަރު ތިންފަހަރު ފިޒާގެ އިނގިއްޔަށް ޕިން ހެރުނުކަންވެސް ފިޒާއަށް ނޭގެ އެވެ. އެމަންޒަރު ފެނުނީ ތާބިޝްއަށެވެ. އެއިން ކޮންމެ ރިހުމެއް ތަހަންމަލްކުރީ ތާބިޝް އެވެ. ފިޒާ ތެޅިގަތީ ކޮޓަރީން ބޭރަށް ނިކުތުމަށެވެ. ފިޒާގެ ކުރިމައްޗަށް އަރައި، ނިކުތުމަށް ހުރަސްއެޅީ ތާބިޝް އެވެ.

"އަހަރެން ދޫކޮށްފައި ނުދޭ ފިޒާ.. ޕްލީޒް އަހަރެން ދޫކޮށްލާފައި ނުދޭ..!" ހިތްދަތިކަމުގެ ބުނުމަކުން ތާބިޝްގެ ބޭނުން އިއްވާލި އެވެ. ރިހުމުން ފުރިގެންވީ ބެލުމަކުން ތާބިޝްއަށް ބަލައިލުމަށްފަހު ފިޒާގެ ދެ ލޯ މަރައިލި އެވެ. ކަރުނަ ފޭދިގަތީ އިންޒާރަކާނުލަ އެވެ.

"ދޫ ކޮށްލީ އަހަންނެއް ނޫން.. ދުކޮށްލީ ތާބިޝް..! ތާބިޝްއަށް އަހަރެން އެންމެ ބޭނުންވި ވަގުތުގައި ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއަށް އަހަރެން ދޫކޮށްލީ ތާބިޝް..! ފިރިއެއްގެ އެހީތެރިކަމަށް އަހަރެން ބޭނުންވި ވަގުތު ތާބިޝް އަހަރެން ދޫކޮށށްލީ، އަހަރެންގެ އެއްވެސް ކުށެއްނެތި..!" ރިހުމުން ފުރިގެންވީ ބުނެލުމަކުން ފިޒާގެ ޝަކުވާ އިއްވާލި އެވެ.

"ފިޒާ، އެ ބިރުވެރި ރޭގެ ހާދިސާއާއި އެ ހިއްދަތި ހަނދާންތައް ދުވަހަކުވެސް ހިތުންފިލުވާނުލާނަންތަ؟" ރިހުމުގެ ތެރެއިން ތާބިޝް ބުނެޏެވެ.

"އަހަރެންގެ ހިއްދަތި މާޒީގެ ހަނދާންތަކާއި އެ ވޭނާއި ކެކުޅުންތަކުން މިންޖުވެ، މުޅިން އައު ހަޔާތެއް ފެށުމުގެ އުއްމީދުގައި ފެށި މަސައްކަތް ނާކާމިޔާބުކުރީ ތާބިޝް.. ދިރިއުޅުމުގެ ހިތި މާޒީން ލިބުނު ހުރިހައި ރިހުމެއް އެއްފަރާތްކޮށްފައި ކޮޅަށް ތެދުވީ، ބބިރުވެރި އެ ހަނދާންތައް ކަފުންކޮށްފައި.. އެކަމަކު އަހަރެންގެ ހުރިހައި އުއްމީދެއް ދެވަނަ ފަހަރުވެސް ފަނާކުރީ ތާބިޝް.. އަހަރެންގެ ހަޔާތުގެ އެންމެ ބިރުވެރި ހަނދާންތަކުން، ދެވަނަފަހަރަށްވެސް ތާބިޝް އަހަރެން ބަލިކަށިކޮށްލީ ހުރިހައި ކަމެއްގެ ކޮންޓްރޯލް ނަގައިގެން.." ނަފްރަތާއެކު ފިޒާ ބަލައިލީ ސީދާ ތާބިޝްގެ ލޮލަށެވެ.

"އަހަރެން ކިތަންމެ ބޭނުންވިޔަސް، އެ ބިރުވެރި ރޭގެ ހާދިސާ އަހަރެންގެ ހިތުން ފިލައިގެން ނުދާނެ.. އެއީ ހަމަ ތާބިޝްގެ ސަބަބުން..  އަހަންނަކީ ކިހައި ނިކަމެތި އަންހެނެއްކަން ގަބޫލުކުރުމަށް  އަހަންނަށް މަޖުބޫރުކުރީވެސް ތާބިޝް..  އަހަންނަކީ ތާބިޝްއަށް އެއްވެސް މީހެއް ނޫން.. މިއީ ތާބިޝްއަށްޓަކައި އެއްވެސް އަގެއް ނެތް، އެއްވެސް ގަދަރެއް ނެތް، އަދި ކަރާމާތެއް ނެތް މީހެއް.. މިކަހަލަ ގޮތެއް ނެތް އަންހެނަކު ދެވަނަ ފަހަރަށްވެސް މި ގެއަށް ތިގެނައީ ކީއްވެގެން..؟" ތާބިޝްގެ ގިރުވާނުގެ ދެފަރާތުގައި ހިފާފައި ފިޒާގެ އަތަށް އޮޅާލި އެވެ. 

ކަރުން އަޑު ބޭރުނުވިޔަސް ވާހަކަދެއްކޭތޯ ފިޒާ މަސައްކަތްކުރި އެވެ. ކޯތާފަތުން އޮހިރިގެން އައި ކަރުނަ ފޮހެދޭން ތާބިޝް ބޭނުމެވެ. ނަމަވެސް ހަރަކާތެއް ކުރާނެ ހަކަތައެއް ހަށީގައި މިވަގުތު ނެތެވެ. ތާބިޝްގެ ދެލޯ މަރައިލީ ގަދަކަމުންނެވެ. ފިޒާގެ ލޮލަށް ބަލާނެ ހިތްވަރެއް ނުލިބުނީތީ އެވެ. 

"އަހަންނަށް ތާބިޝްއާއި ނުލައި ދިރިއެއް ނޫޅެވޭނެ.. އެކަމަކު ރެއާއި ދުވާލު އެތަށް ހާސް މަރަކުން އަހަރެންގެ މިހަށިން ފުރާނަ ވަކިވެގެންދަނީ ތާބިޝްއާއެކު އެއްފުރާޅެއްގެ ދަށުގައި ދެވަނަ ފަހަރަށް ދިރިއުޅެން ޖެހުމުން... ހެޔޮނުވާނެ، އެއްފަހަރުން މިވޭން ކެނޑޭނެ ގޮތް ހަދައިދީ... އަހަންނަކަށް ކެތެއްނުވާނެ..!" ތާބިޝްގެ ގިރުވާނުން ފިޒާގެ ދެއަތް ލޫދިގެން ތިރިވާންފެށީ އަތުގެ އިނގިލިތަކުން ބާރުކެނޑުނީތީ އެވެ. 

ދެފައިކޮޅުން ވާގި ދޫވީ އެވެ. މާޒީގެ ހަނދާންތަކުން އަނެއްކާވެސް ހިތް ފުނޑުފުނޑުވީ އެވެ. ތާބިޝްގެ ފައިބުޑަށް ފިޒާ ވެއްޓުނެވެ. ގިސްލާ ރޯންފެށީ މީހެއްގެ ހަމްދަރުދީއަކަށް އެދިގެން ނޫނެވެ. ނަމަވެސް އަމިއްލަ ނިކަމެތިކަމުގެ ހައްގުގަ އެވެ.

"އަހަންނަށް ތާބިޝްއާއި ނުލައި ދިރިއެއް ނޫޅެވޭނެ.. އެކަމަކު ރެއާއި ދުވާލު އެތަށް ހާސް މަރަކުން އަހަރެންގެ މިހަށިން ފުރާނަ ވަކިވެގެންދަނީ ތާބިޝްއާއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެން ޖެހުމުން... ހެޔޮނުވާނެ، އެއްފަހަރުން މިވޭން ކެނޑޭނެ ގޮތް ހަދައިދީ... އަހަންނަކަށް ކެތެއް ނުވާނެ..!"ތާބިޝްގެ ކަންފަތުގައި ފިޒާގެ ޖުމުލަތައް ގުގުމާލި އެވެ. ބާރަށް ދެއަތް އަޅާއި ކަންފަތް ބަންދުކުރި އެވެ. އެއަޑުތައް ކަނޑުވާލުމަށެވެ.

"ނޫން.. ނޫން.. ނޫން.. ފިޒާގެ މިހާލަތަށް ހަމައެކަނި ޒިންމާވާންޖެހޭނީ އަހަރެން.. މިއީ އަހަރެންގެ ކުށުން ވީކަމެއް.. ތަކުރާރުކޮށް އެތަށް ފަހަރަކު ފިޒާ ރައްކާތެރިކުރާނެކަމަށް އަހަރެން ވައުދުވިން.. އެކަމުގެ ޔަގީންކަން ތަކުރާރުކޮށް އަހަރެން ދިނިން.. ވޭނާއި އަނިޔާގެ ވައިރޯޅިއެއްވެސް ފިޒާއާއި ހަމައަށް ވާސިލްވިޔަ ނުދޭނެކަމަށް އަހަރެން ވައުދުވިން.. އެކަމަކު ކަންކަން ވެގެން މިދިޔައީ އަހަރެންގެ ހުވަފެނުންވެސް ދެކެފައިނުވާފަދަ ހިތްދަތިގޮތަކަށް.." ތާބިޝްގެ މޫނުގައި ދެއަތް އަޅައި ރޯންފެށި އެވެ. ތާބިޝްގެ ފައިބުޑުގައި އޮވެ، ފިޒާ ރޮމުންދިޔައީ އެއަޑު އިވޭ އިންސާނެއްގެ ހިތް ފަޅައިގެންދާފަދަ މިންވަރަކަށެވެ. 

"އަހަރެން ފެއިލްވެއްޖެ.. އަހަރެންގެ ލޯބި ހިމާޔަތް ކުރުމުގައި އަހަރެން ފެއިލްވެއްޖެ.." މަޑުމަޑުން ތާބިޝް ބުނަމުންދުޔަ އެވެ.

ހިތްވަރުކޮށްފައި މޫނު ފޮހެލަމުން ތާބިޝް ކުޑަކަކޫ ޖަހައިލި އެވެ. ލޯތްބާއެކު ފިރުމާލަމުން މަސައްކަތްކުރީ ފިޒާ ކޮޅަށް ނަގާށެވެ. ނަމަވެސް ތާބިޝްގެ އަތް ފިޒާގެ ހަށިގަނޑުގައި ޖެހުމާއެކު އަތް ފޮޅުވާލި އެވެ. 

"އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ.. ތާބިޝްގެ އެހީއެއް ބޭނުމެއް ނޫން.." ގިސްލަމުން ފިޒާ ބުންޏެވެ.

ނަމަވެސް ފިޒާގެ ދެކޮޅުހެދުމާއެކުވެސް ތާބިޝްގެ ދެއަތްމަތީގައި ފިޒާ އުފުލާލި އެވެ. ލޯބިވާ އަނބިމީހާގެ ހަށިގަނޑު ނުހަނު ބާރަށް ގައިގައި ތަތްކޮށްލަމުން ތާބިޝް ހިނގައިގަތެވެ. 

"އެއްފަހަރު އަހަރެން ގޯސް ހަދައިފިން.. މިއީ ކުށް ތަކުރާރުކުރާ މީހެއް ނޫން..! އަމިއްލަ ހާލަށް ދުވަހަކުވެސް ފިޒާ ދޫކޮށްނުލާނަން.. އެކަމަކު މިވަގުތު ފިޒާއަށް ވަގުތުކޮޅެއް ދިނުން މުހިއްމުވީމައި އަހަރެން މިދަނީ.. މިގެއިން ނިކުމެގެން ދާން ފިޒާ ހިތައްވެސް ނާރުވާތި..!" 

ފިޒާގެ މޫނުގެ ދެފަރާތުގައި ގަދަކަމުން ހިފަހައްޓާލާފައި ތާބިޝް ބުންޏެވެ. ފިޒާއާއި ދުރަށް ޖެހިލީ، ނިއްކުރރީގައި ކިސްކޮށްލުމަށްފަހު އެވެ.

........................

ޓެރަސްގައި ހުރި ސޯފާއެއްގައި ތާބިޝް އޮތީ އުޑަށް ބަލާށެވެ. އަނދިރި ރޭގެ ކަޅުވިލާތަކުގެ ތެރެއިން ވިދާބަބުޅަމުންދިޔަ އަލިގަދަ ތަރިތަކުގެ ވިދުމަށް ތާބިޝްގެ އެތައް ޝަކުވާއެއް އެބައޮތެވެ. އޭނާގެ ހާލަތަށް ތަރިތަށް މަލާމާތްކުރަނީކަމަށްވެސް ތާބިޝްއަށް ހީވެ އެވެ. ޒަހަމްވެފައިވާ ހިތަކުން ލޭތިކިތަޅަމުން ދިޔައިރު ތަރިތަކުގެ ވިދުމަށް ބަދަލެއް ނައުމަކީ މިރޭ ތާބިޝްއަށް ލިބުނު ރިހުމެކެވެ.

އޭނާގެ ވަށައިގެން އަނދިރިކަމާއި ހިމޭންކަން ނޫނީ މިރޭ ތާބިޝް ބޭނުމެއް ނޫނެވެ. ހަޔާތުން އެތައް ސަފްހާއެއްގައި ލޭކަރުނައިގެ ވާހަކަ ލިޔެވިއްޖެ އެވެ. ނަމަވެސް ތާބިޝްގެ ފައިބުޑުގައި އޮވެ، ފިޒާ ގިސްލަމުންދިޔަ އަޑު އެކަންފަތާއި ސިކުނޑިން ނެރޭގެ ގޮތެއް ތާބިޝްއަކަށް ނުވިސްނުނެވެ. ސަފްހާތަކަށް އެ ރިހުން ގެންނާނެ ގޮތެއްވެސް ނުވިސްނުނެވެ.

"ތާބިޝް" 

އިވުނު އަޑަށް ތާބިޝް ބަލައިލީ ސިއްސައިގެން ގޮސްފަ އެވެ. ދާދި ގާތުގައި ހުރީ ސަވާނާ އެވެ. އަނދިރީގެ ތެރެއިންވެސް ސަވާނާގެ ކަރުނަ ތާބިޝްއަށް ސިއްރެއް ނުވި އެވެ.

"ވައި ޑޯންޓް ޔޫ ޓެލް ހަރ؟" ސަވާނާގެ ސުވާލާއެކު ތާބިޝްއަށް ތެޅިގަނެވުނެވެ. ޖެހެމުންދިޔަ މެންދަމުގެ ފިނި ރޯޅިއާއެކުވެސް ނިއްކުރިން ދާ ހިތްލާލި އެވެ.

"ނޫން ސަވާނާ.. އަހަރެންގެ ހަޔާތުން ފިޒާ ދިޔައީ، އަހަރެންގެ ކުށުން.. އެކަމުގެ ޒިންމާ ފިޒާ ނަގާކަށް ނުޖެހޭނެ.. އަހަރެން ނޫން އެހެން އެއްވެސް މީހެއްގެ ބޮލުގައި އެކުށުގެ އަދަބު ނޭޅުވޭނެ.. އެކަމަކު ހިތް ކުދިކުދިވެ، ރެއާއި ދުވާލު އެތައް ފަހަރަކު ލޭކަރުނަ އަޅަމުންއެދަނީ އަހަރެންގެ ފިޒާ..! މިއީ ކޮންކަހަލަ ދުނިޔެއެއް..؟ އަހަރުމެން ދެމީހުންގެ ލޯތްބަކީ އާރެއް ބާރެއް ނެތި ވީރާނާ ވެފައިވާ ގުޅުމެއްތަ؟" ރިހުމުގެ ހިނިތުންވުމަކުން، ހީލެވޭތޯ ތާބިޝް މަސައްކަތްކުރި އެވެ. އޭރުވެސް ލޮލުގެ ހިމަކޮޅުން ކަރުނައިގެ ކޫރެއް ދެމިގެން ދިޔަ އެވެ.

"ހަގީގަތް އެނގުމުގެ ހައްގު ފިޒާއަށް އޮންނާންވާނެ.. ހުރިހައި ކަމެއްގެ އެންމެ ނުބައިކޮށް ފިޒާ އެ ވިސްނަނީ.. ތި ދެމީހުން ދެމެދުގައި ތިވަނީ ވަރަށް ބޮޑު އޮޅުންބޮޅުމެއް.. އެކަން ބަދަލުކުރެވޭތޯ ބަލާ..! ޕްލީޒް ތާބިޝް..!" ތާބިޝްގެ ހާލަތައް ހަމްދަރްދީވަމުން ސަވާނާ ބުންޏެވެ. ކުރިއަށް ވުރެން ގާތަށް ޖެހިލުމުން، ތާބިޝްގެ މޫނު ސަވާނާއަށް ސާފުކޮށް ފެނުނެވެ.

ގިނައިރު ރުއިމުގެ ސަބަބުން ތާބިޝްގެ ދެ ލޯވަނީ ދުޅަވެފަ އެވެ.

"އޮޅުންބޮޅުމެއް...؟ ނޫން ސަވާނާ..! މީގައި އޮޅުމެއް ނެތް..!" 

ވިލާގަނޑާއި ނިވާވަމުންދިޔަ ހަނދަށް ބަލައިލަމުން ތާބިޝް ލޯ މަރާލާފައި ކޮޅަށް ތެދުވި އެވެ. ފަސްއެނބުރި ބެލުމެއްނެތި، ސަވާނާ އެތަނުގައި ބަހަށްޓާފައި ތާބިޝް ހިނގައްޖެ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް