
އިބްރާ ވަނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުވައި، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލިހުން ބަލާއިރު އެ ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ/
އިބްރާ ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންގެ މުހިންމު އެއް ޝަކުވާއަކީ ދިފާއުވުމުގެ ހަމަތަކުން ޖޭއެސްސީ އެއްކިބާވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އެ ފަނޑިޔާރުންގެ ބަސް މަޖިލިހުން އަޑުއެހުމަކީ ކޮންމެހެން ކުރަންވާނެ ކަމެއްކަމަށް އިބްރާ ދެކެވަޑައިގަންނަވައެވެ. އިބްރާގެ ސިޓީގައި ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށްކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މަޖިލިހަށް ފޮނުވަން ޖޭއެސްސީން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަމަށް ބުނެއެވެ.