
އާޒިމާއަށް ފުލުހުން ސެކިއުރިޓީ ދޭންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަށް ސެކިއުރިޓީ ދިނީ އޭނާ އެދިގެންނެވެ.
އާޒިމާ ދަނީ ރައީސް މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ވާހަކަ ދެއްކި ކަމަށް ބުނެ އެ ޕާޓީ އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ރައީސްގެ އާއިލާ ތަމްސީލު ކުރައްވަމުންނެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް މަދީގެ ގަޔަށް ވަނީ ކަަޅުތެޔޮވެސް ޖަހާފައެވެ.
މި ދައުވާތައް ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި އުފުލާފައިވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މީގެތެރެއިން މަންދީގެ މައްޗަށް ފެމިލީ ކޯޓުގައި ކުރި ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފައެވެ. މި މައްސަލާގައި ދައުވާ ކުރަން ނިންމިކަން އިއުލާނުކުރީ ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާއެވެ. އާޒިމާ ރައީސްގެ އާއިލާގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ.