
މިހާރު ރާއްޖެ މިވަނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވަމުންދާ ދުވަސްވަރެއްގައެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ވިއްސާރަ ވިލާތައް އެ ސަރަހައްދުތަކަށް އަރަމުންދާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި އާންމު ވައި ގަދަވުމާއެކު ކަނޑުތައް އަޑިއަށް ހިނގައްޖެއުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ. މިހެންވުމާއެކު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދާނެއެވެ. ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭވެހި، އެ ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިއުން ހިމެނެއެވެ. އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެ، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިއުންވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ.