
ކަންކަމުގައި އެންމެ މޮޅުގޮތަކީ މަޝްވަރާގެ އުސޫލު އިސްކުރުން ކަމަށާއި، "ގަދަ" ބަސް ބުނެ ކަންކުރަން އުޅުމުން ހައްލު ހޯދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް، ގާނޫނީ ވަކީލު އަދި ކުރީގެ ފަނޑިޔާރު ހުސްނީ ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ހުށަހެޅި މައްސަލަ އޮތީ ޖުޑިޝަރީ ކޮމިޓީގައެވެ.
ސޯޝަލް މީޑިއާގައި، ކަންކަމުގައި އެންމެ މޮޅުގޮތަކީ މަޝްވަރާގެ އުސޫލު އިސްކުރުން ކަމަށާއި، "ގަދަ" ބަސް ބުނެ ކަންކުރަން އުޅުމުން ހައްލު ހޯދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް ހުސްނީ މިއަދު ވިދާޅުވި ނަމަވެސް މި މެސެޖު ސީދާކޮށް ރައްދުވަނީ ކާކަށް ކަމެއް ނޭނގެއެވެ.
ޖުޑިޝަރީ ކޮމިޓީގެ މެންބަރެއް މިއަދުވަނީ ކުއްލި އަކަށް އެ ކޮމިޓީން ބަދަލުކޮށްފައެވެ. އަދި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މި ކޮމިޓީގެ ބައްދަލުވުމެއް ދެ ފަހަރަކު ބޭއްވުމަށް އިއްޔެ ތާވަލުކޮށްފައިވީނަމަވެސް ފަހުންވަނީ ކެންސަލްކޮށްފައެވެ. ޖުޑިޝަރީ ކޮމިޓީގައި މިވަގުތު ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމުގެ މައްސަލައަށެވެ.
މި މައްސަލައިގައި ޖޭއެސްސީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަންވަނީ ހާމަވެފައެވެ. އެކަންތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންވަނީ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަށް އެދިފައެވެ. އަދި ބާ ކައުންސިލުންވެސްވަނީ ޖުޑިޝަރީ ކޮމިޓީއާ ބައްދަލު ކުރުމަށް އެދިފައެވެ.