
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޝަމްއާންގެ ފަރާތުން، ކްރިމިނަލް ކޯޓުގެ އަމުރަށް ހައި ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގައެވެ. އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ. މި މައްސަލައިގައި ޝަމްއާން 15 ދުވަހަށް ބަންދުކުރުމަށްފަހު، ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ޝަމްއާންގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ ބަންދުކުރުމަށް ނެރުނު ދެ އަމުރު ވެސް ރަނގަޅު ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ހިންގުމުގައި އޭސީސީގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރި ނަމަވެސް، ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވެސް ހައްޔަރުކޮށްފައިވެއެވެ.