
މެޓްް އޮފީހުން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެ ކަމަށެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަޑަކަށް ޖަނަވާރީ މަހުން ފެށިގެން މާރިޗުގެ ނިޔަލަށް އަދި ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަޑަކަށް ނޮވެމްބަރުގެ ނިޔަލަށް ކަމަށެވެެ.
ހުޅަނގު މޫސުމްގެ އަސަރުތައް އާއްމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށް މެޓް އޮފީހުން ބުނެއެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާޢްޖެތެރެއަށް ފޯރައި މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމް ފެށިގެންދާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތައް
- ވާރޭ : ދެކުނުގެ އަތޮޅުތަކަށް 25 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން
- ވައި : ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާއި ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައިޖެހުން
- މި ދެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން
މެޓް އޮފީހުން ވަނީ މިދިޔަ 24 އަހަރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު ތާރީހުތައް އާއްމުކޮށްފައެވެ.
މެޓްގެ މައުލޫމާތުތަކުން ދައްކާގޮތުން މިދިޔަ އަހަރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ފެށުނީ މެއި 14 ގައިއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހުއެވެ.
މިފަހަރު އިރުވައި މޫސުން ފެށުނީ އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މާ ލަހުންނެވެ. އާންމުކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖެއަށް އިރުވައި މޫސުން ފެށޭ ނަމަވެސް މިދިޔަ އަހަރުގެ އިރުވައި މޫސުން ރާއްޖެ އަށް ފެށުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.