
ޔުމުނުގެ އާއިލާއިން އޭނާގެ ދައްތަ މިރޭ ފުރަތަމަ ފަހަރަށް ވަނީ ޔުމުނުއާއި ހަވާލީ އެރޭގެ ހާދިސާ ހިނގި ގޮތުގެ ބައެއް ވާހަކަތައް ކިޔާދީފަ އެވެ.
ޔުމްނުގެ ދައްތަ މިރޭ ދެ ޓީވީއެއް މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބުނީ އެރޭ ޔުމްނު ފުންމާލީ ނޫންކަމަށް ޔުމްނު ބުނާކަމަށެވެ. އަދި އެރޭ ހާދިސާ ހިނގި ރޭ އެތަނުގައި މި މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށެވެ. ޔުމްނުގެ ދައްތަ މިރޭ ވަނީ ޔުމްނުގެ ހާލަވެސް ކޮންމެވެސް ވަރަކަށް ހިއްސާކޮށްފަ އެވެ.
ހ. މީޓާޒް ފުރަޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފެނުނީ މިދިޔަ މަހުގެ 18 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަހު ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު މެލޭޝިޔާއަށް ގެންދިޔުމަށް ފަހު ވަނީ ބައެއް ސާޖަރީތައް ހަދާފައެވެ. އެގޮތުން ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ރިކަވާ ވަމުން އަންނަކަމަށް އެއާއިލާއިން ވަނީ ބުނެފަ އެވެ.
ޔުމްނުގެ ދައްތަ މިރޭ ދިން އިންޓަވިއުގައި ބުނީ އެރޭ ހިންގި ކަންކަން ދެކޮޅު ނަހަދާކަމަށާއި އެހެންނަމަވެސް މައްސަލައަކީ ޔުމްނު މަރަށް ދޫކޮށްލާފައި އަޅާ ނުލާ ދިއުންކަމަށެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޔުމްނު ވާހަކަ ދައްކަމުން އޭނާއަށް އިންސާފު ލިބޭނެތޯ ސުވާލުކުރިކަމަށްވެސް ޔުމްނުގެ ދައްތަ ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ކަންކަން ފޮރުވާކަމަށް ބުނެ މިރޭވެސް ޔުމްނުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޔުމްނުގެ ފޯނު އޮތްކަމަށް ބުނުމުން އޭނާގެ ފޯނުތީ ޔަގީންކޮށްލަން ދެއްކުމަށް އެދުމުން އެކަންވެސް ކޮށްފައި ނުވާކަމަށާއި އަދި އެއާއިލާއާ ސުވާލެއްވެސް ކޮށްފައި ނުވާކަމަށް ޔުމްނުގެ ދައްތަ މިރޭ ބުންޏެވެ.