ads
އަނަސް
އަނަސްގެ މަރުގެ މައްސަލައިގެ ބެންޗު ބަދަލުކޮށްގެން ކުރިއަށް ގެންދަނީ
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އިސްތިއުނާފު މައްސަލައިގެ ބެންޗު ބަދަލުކޮށް ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.
Advertisement

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން އޭޕްރީލް މަހު ފަހުކޮޅުވަނީ ހުކުމްކޮށްފައެވެ. 

އެ މީހުން ބަންދުން ދޫކޮށްލަން ނިންމި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި މިހާރު ސުޕްރީމް ކޯޓަށް ޕްރޮމޯޓްކޮށްފައިވާ ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. މި ތިން ފަނޑިޔާރުންގެ ނިންމުން ސުޕްރީމް ކޯޓުންވަނީ ބާތިލުކޮށް، ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބަދަލުވެފައިވަނީ ފަނޑިޔާރު ޝަހީދުއެވެ.

މާލޭގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ޖުލައި މަހު ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލުމަށްފަހު، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ނިންމީ އެ މީހުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ހައިކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށްފަހު ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ

އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ

އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް

ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ

ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ

މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ

ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފު މަރުހަލާގައި މީހުން ބަންދުކުރާނެ ހާލަތްތައް ތަފްސީލްކޮށްފައިވާ ކަމަށާއި، ގާނޫނުގައި ނެތް ކަންކަމަށް ރިއާޔަތްކޮށް ބަންދު ނުކުރަން ނުނިންމޭނެ ކަމަށެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް މި ރައުޔަށް ތާއީދުކުރެއްވި ނަމަވެސް، ފަނޑިޔާރު އައިޝާ ޝުޖޫން ތާއީދެއް ނުކުރައްވައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގައިވާ ގޮތުން އިސްތިއުނާފު މަރުހަލާގައި މީހަކު ބަންދުކުރާއިރު، ތުހުމަތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރިތޯއާއި، ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްތޯ އަދި މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލުމުގެ އިހުތިމާލު އޮތްތޯ ބަލަންޖެހެއެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކޮށްފައިވާއިރު، އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން އިއްވާފައިވީނަމަވެސް، އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް