
ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކުކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ހިދުމަތް ފެށިއިރު، މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެކަމަށާއި މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެމްޓީސީސީން ބުނެއެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ހިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
މާލެއިން ކުޑަގިރިއަށް
- 06:30
- 08:00
- 09:30
ކުޑަގިރިން މާލެއަށް
- 16:00
- 17:30
- 19:00
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުނެއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައިކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުޑަގިރިއަށް ދަތުރު ދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައިކަމަށްވެސް އެޗްޑީސީން ބުނެއެވެ.