
ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގައާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަ ކުރަމުންދާކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރެވޭއިރު ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއެކު ކޮންޓެންޓު ގެނެސްދިނުމަށް އިލްތިމާސް ކުރަމެވެ،" ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފުރައްސާރަ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ހިނގައިދާނެ ކަމެއް ކަމަށާއި އެފަދަ އަމަލުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް، އަދި ވަކީން ހާއްސަކޮށް ވަކި ޖިންސަކަށް ނިސްބަތްވާ ނޫސްވެރިންނަށް އަމާޒުކޮށް ފުރައްސާރަ ކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން އިސްވެ ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަ ކުރުމާ ގުޅިގެންނެވެ. ޔާމީން ދިރިއުޅުއްވާ ގޭގައި ހުންނަ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި މަދަދާއާ ގުޅުވާ ފުރަތަމަ ވާހަކަ ދެއްކީ ޕީއެންއެފްގެ އެކްޓިވިސްޓު ވަހީދެވެ. އޭގެފަހުން ޔާމީނާއި އެމަނިކުފާނުގެ ނައިބު ރައީސަކަށް ފުރަތަމަ ހުންނެވި މުހައްމަދު ޖަމީލު ވެސް މަދަދާއާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.