
ރައްޔިތުންނާއެކު ޕޮޑުކާސްޓުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތްކަމަށް ވިދާޅުވެ، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވިސްނާފައިވާކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންނަށް ލިބޭނެ ވަރަށް ގިނަ ފައިދާތައް ހުރިކަމަށެވެ. އަދި ކޮންމެ ގޮތަކުން ބެލިޔަސް ސަތޭކަ އެތައް މިލިއަން ރުފިޔާއެއް، ދުއިސައްތަ މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބު ދެ ބުރުގެ ބަދަލުގައި އެއް ބުރަށް ބަދަލުކޮށް، ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަށް ބަދަލުވުމަށްވެސް ރައީސް މުއިއްޒު ވަކާލާތުކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދޭތެރޭގައި ގާތްގަނޑަކަށް ހައެއްކަ މަސް ހޭދަވާއިރު، ދެ އިންތިހާބުވެސް އެކުގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށެވެ. ނަމަވެސް މިއީ ރައްޔިތުން ނިންމަންޖެހޭ ކަމެއްކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މިކަމާ ބެހޭ ބިލެއް ޖޫން މަހުގެ ތެރޭގައި މަޖިލިސް ހުޅުވުމުން ހުށަހެޅުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.