
މި ހިދުމަތް ރަސްމީކޮށް ފަށައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ލަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވިއެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް އޭޓީއެމް ހިދުމަތް ފެށިފައިވާ ރަށްތަކަށް ބަލާއިރު، މި ހިދުމަތަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވެއެވެ. އަދި ރަށުގައި އޭޓީއެމް ހިދުމަތް ފެށުމަކީ ރައްޔިތުންނަށް ލިބޭ ފަސޭހައެއްކަން ފާހަގަކުރެއްވިއެވެ. ލަންދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ފަށާފައިވެއެވެ. އަދި ނ. އަތޮޅުގެ 7 ރަށެއްގައިވެސް މި ހިދުމަތް ފަށާފައިވާއިރު، ބީއެމްއެލްއިން ބުނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށްވުރެ ގިނަ އޭޓީއެމްއިން ހިދުމަތް ދެމުންދާނެ ކަމަށެވެ.