
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއަށް ބަހުސް ކުރަން އޮތް ވަގުތު ހަމަވުމުން އެމްޑީޕީ މެންބަރުން އިތުރު ވަގުތައް އެދި އިހުތިޖާޖުކުރުމުންނެވެ. ބުރާސްފަތި ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީންއާ ސުވާލުކުރުމުގެ ފުރުސަތުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ވާހަކަ ދެއްކެވުމުގެ ފުރުސަތު ރިޔާސަތުން އަތުލައިގަތުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުރޫފްގެ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ރިޔާސަތުން އަތުލައިގަތުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ރިޔާސަތު ކައިރިއަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ އިތުރުން، ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަހުމަދު ޝަމްހީދު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އަދި މައުރޫފް ވަނީ ރިޔާސަތު ކައިރިއަށް ގޮސް ނުރުހުން ފާޅުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕީއެންސީން އިން ވަނީ ފެއިލް ކޮށްލައިފައެވެ.
އަމީނުގެ އިތުބާރު ނެތްކަމަށް ބުނާ މައްސަލަގައި މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ސަރުކާރަށް ނިސްބަތްވާ 54 މެމްބަރުން ބުނީ އަމީނަށް އިތުބާރު އެބައޮތްކަމަށެވެ. އިތުބާރު ނެތްކަމަށް ބުނީ 11 މެމްބަރުންނެވެ.
މައުރޫފް ޒާކިރު ވާހަކަފުޅު ދައްކަވަމުން ގެންދެވީ މާލޭގެ އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާ މިނިސްޓަރު އަމީންއާ ގުޅުން އޮތް ކަމަށް ވާހަކަ ދެކެވޭ ކަމަށާއި، އިޒްދިޔާން މުހައްމަދު ކިޔާ ފަރާތަކާއި މިނިސްޓަރު އަމީންއާ ގުޅުމެއް އޮތްތޯ ސުވާލުކުރައްވަމުންނެވެ. އަދި އެ މައްސަލައިގައި ޒުވާނުން ކުރަމުން އަންނަ އިހުތިޖާޖުގައި މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ޑިމާންޑު ކޮށްފައިވާ ކަމަށާއި، މިނިސްޓަރު އަމީން އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކުއެވެ. މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވީ މިމަހު 1 ވަނަދުވަހުއެވެ.