ads
ކުޅިވަރު ވަޒީރު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް
ޕަޕެޓްމާސްޓަރަކަށް މިފަހަރުވެސް ކުޅިވަރާއި ބެހޭ ވަޒީރުތޯ؟
ސަރުކާރުތައް ބަދަލުވާ ކޮންމެ ފަހަރަކު ގައުމީ ޖަމިއްޔާތަކުގެ އިންތިހާބުތަކަށްވެސް އެބަދަލު ވާރުތަވެ، ބައެއް ކަހަލަ ނުފޫޒު އަންނަ ވާހަކަ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އެއީ ގިނަ ފަހަރު އެޖަމިއްޔާތަކުގެ އިންތިހާބުތައް ނިމިގޮސްފައިވާ ހަމަތަކަށް ބެލީމައި ސާފުވާކަންކަމެވެ.
Advertisement

ފުޓްބޯޅަ، ވޮލީބޯލާ އަދި ބެނޑްމިންޓަން އެސޯސިއޭޝަން ފަދަ އެސޯސިއޭޝަންތަކަށް ކުރިމަތިކުރިވި މައްސަލަތަކުގައި ކަންނިމި ދިޔަ ގޮތް، އެ ސޮފްހާތައް ހުޅުވާލުމުން ވަރަށް ތިލަވެ ސާފުވެގެން ދާނެއެވެ. މިވާހަކަތައް ބަލައިގަންނަން އުނދަގޫވިއަސް މިއީ ކުޅިވަރު ތެރޭގައި އޮތް ސަގާފަތެވެ.

ދެން މިއޮތީ އޮލިމްޕިކް ކޮމިޓީއެވެ. މިއީވެސް ވަރުގަދަ ޕަރަންޕަރާއެއް އޮތް ޤައުމީ އިދާރާއެކެވެ. އެމް.އޯ.ސީގެ އިންތިހާބުތައް މީ އަދި މުޅިން އާދަޔާއި ހިލާފު ވައްތަރަކަށް ރާވާލާ ކުޅިބައެކެވެ. މިއީ އަބަދުވެސް އެއިރެއްގައި ހުންނަވާ ކުޅިވަރު ވަޒީރު އިސްވެ ޕަޕެޓްމަސްޓަރުކަން ކުރައްވާ އިންތިހާބެއްކަން ގިނަބައަކު ޤަބޫލްކުރެ އެވެ. އެއީ އަޑު އިވި ތިލަވެ ފެނިފައިވާ މަންޒަރުތަކުން ދެކެވޭ ވާހަކަ އެކެވެ. މިފަހަރުވެސް އެމް.އޯ.ސީގެ އިންތިހާބަށް ވޯމްއަޕް ސެޝަންތައް އެވަނީ ނިންމާލާފަ އެވެ. ޕަޕެޓްމަސްޓަރ ތޮފި އަޅުއްވައިގެން ބޭންޑް ލީޑަރަކަށް ކުޅިވަރު ވަޒީރު ހުންނެވި ވާހަކަ ބައެއް ފަރާތްތަކުން އެބަ ދައްކަ އެވެ.

އެމް.އޯ.ސީ އިން އިންތިހާބަށް ހުޅުވާލުން!

އެމް.އޯ.ސީގެ ހިންގާ ކޮމިޓީގެ އިންތިހާބަށް ދާދި ފަހުން ހުޅުވާލައި، ގައުމީ އެސޯސިއޭޝަންތަކުން ނޮމިނޭޝަންތައް އެއިދާރާއަށް ވެއްދިތާ ހަފްތާއެއްވެސް ފާއިތު ވެއްޖެ އެވެ.

ހިންގާ ކޮމިޓީއަށް ވާދަކުރުމަށް ހުށައަޅާފައިވާ ފަރާތްތަކުގެ ތަފްސީލް އެއިދާރާއިން އަދި އާއްމު ކޮށްފައެއް ނެތެވެ. މުއުތަބަރުކޮށް ހަބަރު ލިބެނީ ލާފާކުރެވުނު ގޮތާއި ހިލާފަށް ބައެއް ނޮމިނޭޝަންތައް ލިބިފައިވުމެވެ. އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފްސީލް ނުލިބި ލަސްވަމުންދާ މައްސަލާގައި ބައެއް ގައުމީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން ހުރިކަމަށް ހަބަރު ލިބެއެވެ.

މިކަންބޮޑުވުމަށް އެމް.އޯ.ސީ އިން ދީފައިވާ ޖަވާބަކީ އެއިދާރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން އިންތިހާބަށް ކުރިމަތިލި ފަރާތްތައް ވެރިފައި ކުރުމަށްފަހު ވަރަށް އަވަހަށް އާއްމުކުރާނެ ވާހަކަ އެވެ. މިއީ ކުޅިވަރު އިދާރާތަކުގެ އިންތިހާބުތައް ކުރިއަށް ގެންދަންޖެހޭ ހަމައާއި ބީރައްޓެހި ސިފައެކެވެ. އަދި އިންތިހާބުގެ ކްރެޑިބިލިޓީއާއި މެދު ސުވާލު އުފައްދަން ޖާގަވެސް ލިބޭނެ ކަމެކެވެ. ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތައް ވިލަރެސް ކުރަމުން ގެންދަންޖެހެނީ އެއިދާރާއަކުން ކަނޑައަޅާފައިވާ އިލެކްޓްރޯލް ކޮމިޓީއިންނެވެ. ނޮމިނޭޝަންތައް އެކޮމިޓީގެ ބެލުމުގެ ދަށުން ވީއެންމެ އަވަހަކަށް އާއްމުކުރަންވާނެ އެވެ. އަދި އެއަށްފަހު އެކޮމިޓީން ވެރިފައި ކުރުމަށްފަހު ސައްހަ ކެނޑިޑޭޓުން ކަނޑައަޅައި ކެނޑިޑޭޓުންގެ ފައިނަލް ލިސްޓް އިއުލާން ކުރުން އެއީ އެކޮމިޓީގެ ޒިންމާއެކެވެ.

އިންތިހާބުތަކުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ފަހުބަސް ބުނުމުގެ ބާރު އޮތީވެސް އެއިލެކްޓްރޯލް ކޮމިޓީއަށެވެ. އެމް.އޯ.ސީގެ ހިންގާ ކޮމިޓީން މިވަރަކުން ނޮމިނޭޝަންސް ވެރިފައިކުރަން މިއުޅޭ ސަބަބެއް ހަމަނުވިސްނުނެވެ.

 

މިފަހަރު ޗެސް އެސޯސިއޭޝަންގެ ޖާގާ އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީއަށް؟

ހީކުރެވުނު ގޮތާއި ޚިލާފަށް މިފަހަރު ހާލަތު ބަދަލުވެއްޖެ ކަމުގެ އިހުސާސްއެއް ކުރެވޭ ކަހަލައެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން އެމް.އޯ.ސީގެ ހިންގާ ކޮމިޓީގައި އިންތިހާބުގައި ވާދަކުރުމަށް ނޮމިނޭޓްކޮށްފައި ވަނީ އެއެސޯސިއޭޝަންގެ ރައީސްކަން މުއުތަބަރު ގޮތަށްވަނީ މަޢުލޫމާތު ލިބިފަ އެވެ. މިއީ އެމް.އޯ.ސީގެ ޕަރަންޕަރާ ދެމެހެއްޓުމުގައި ޓީމް ހަދައިގެން ތިބި ފަރާތްތަކަށް ކުރިމަތިވި ނުތަވަސްކަމަކަށް ވުންގާތެވެ. މިކަމުން އަރައިގަތުމަށް ވާނުވާގައި އޮތް ޗެސް ފެޑެރޭޝަން ގުރުބާންކުރި ވާހަތަކެއްވެސް ވަނީ ތިލަވެފަ އެވެ.

އެމް.އޯ.ސީގެ އިންތިހާބުގެ ނޮމިނޭޝަން ހުށައެޅުމަށް ސުންގަނޑި ހަމަވި އިރު ޗެސް އެސޯސިއޭޝަން ތަމްސީލް ކޮށްދޭން އެއިދާރާއިން ނޮމިނޭޓް ކޮށްފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލްކަން މިއީ މުއުތަބަރުކޮށް އިވެމުންދާ ވާހަކައެކެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީއަކީ މިހާރުވެސް އެމް.އޯ.ސީގެ ހިންގާ ކޮމިޓީގައި އެއިދާރާ ތަމްސީލް ކުރާ ފަރާތަކެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ މަންދޫބުގެ ހައިސިއްޔަތުން ފެށުނީސް ސުރެ އެމް.އޯ.ސީގެ ޕަރަންޕަރާ ނެގެހެއްޓުމުގައި އިސްކޮށް ވާގިވެރިވާ ޓީމް މެންބަރެއްވެސް މެއެވެ. އެހެންކަމުން ޗެސް އެސޯސިއޭޝަން މެދުވެރިކޮށް އެތްލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް ހަފޮޅުން އެތެރެކުރުން ނޫންގޮތެއް ނެތެވެ. ނޮމިނޭޝަންސް ހުށައެޅުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިރު ވަޒީރު ވަނީ އެކަން ކޮށްނިންމަލާފަ ކަމަށްވެސް އެބަބުނެއެވެ. އޮލިމްފިކް ކޮމިޓީ ގެ ޕަރަންޕަރާ ދެމެހެއްޓުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން މިހާރު ގަބޫލް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. މުޅިއުމުރު އެތްލެޓިކްސް ކުރި އެރުވުމުގައި ހަރަކާތްތެރިވެ އުޅުނު ފަރާތެއް ކުއްލިއަކަށް ޗެސް ފެޑެރޭޝަން ތަމްސީލްކޮށް ދިނުމަށް ފޫގާލާލައިގެން ނުކުމެއްޖެނަމަ، އެތްލެޓިކްސް މިކުޅިވަރުގެ މޫނުމަތީގައި ތަފާލެއް ޖެހުން ފަދަ ކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިއީ ހަމަ ކުޅިވަރަށް އޮތް ލޯބި ތޯއެވެ؟ ނުވަތަ އެމް.އޯ.ސީގެ ހިންގާ ކޮމިޓީގެ މަޤާމަށް އޮތް ދަހިވެތިކަން ތޯއެވެ؟

މިއީ އުފަންވެދާނެ ބޮޑު ސުވާލުތަކެވެ. މިފަދަ އެތިކަލް މައްސަލައެއް އެތްލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ލުއިކޮށް ނަގައިގެން ބޯމަތިން ދޫކޮށްލައިފިނަމަ އެކޮމިޓީއާއި މެދު އޮތް އިތުބާރުވެސް ގެއްލެނެކަމަށް ގަބޫލްކުރެވެ އެވެ. މިހާލަތުން އިހްސާސް ކުރެވެނީ އެމް.އޯ.ސީގައި މިއޮތީ ކޮންފަދަ ޕަރަންޕަރާއެއް ބާވާއޭ ހިތަށް އަރާ އެތަށް ބަޔަކުވެސް ތިބޭނެތާ އެވެ.

ކުޅިވަރު ވަޒީރުގެ ރާޑަރަށް ކުއްލިއަކަށް ޗެސް އެސޯސިއޭޝަން!

އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މަޤާމްގެ ދަހިވެތި ކަމުގައި ތިބޭ ބަޔަކު އަބަދުވެސް ތިބެއެވެ. މިއީކީ މައްސަލައެއްކަމަށް ނުދެކެމެވެ. ވަކި ޓީމެއް ހަދައި އިންތިހާބަށް ކުޅިބައި ރާވަމުންދާ މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މިއީ ޤައުމީ އެސޯސިއޭޝަންތަކުގެ ވެރިންނާއި ގުޅިގެން އަބަދުވެސް އެމަސައްކަތް ކުރަމުންދާ ސަގާފަތަކެވެ.

މައްސަލައަކަށް ވާހިސާބަކީ ކަނޑައެޅިފައިވާ ހަމައާއި އުސޫލުން އިންތީހަބަށް ފަހިވާގޮތަށް ވަކިބަޔަކު އިންތިހާބު ކުރުމުގެ ސަގާފަތަކުގެ ތެރެއިން ޤައުމީ އެސޯސިއޭޝަންތައް ގުރުބާން ކުރަމުންގެންދާ މައްސަލަ އެވެ. މިފަހަރުގެ ހާލަތަށް ބަލާލަމާތޯ އެވެ. ޗެސް އެސޯސިއޭޝަން އާއްމު އަހަރީ ބައްދަލުވުން ނުބާއްވާތާ ހަތަރު އަހަރު ވެއްޖެއެވެ. އެއެސޯސިއޭޝަންގެ ރައީސްގެ މަގާމްވެސް ހުސްވި އެވެ.

މިހާލަތުގަ ޗެސް އެސޯސިއޭޝަން ހިންގާ ކޮމިޓީގެ ޤާނޫނީ ހައްސިއްޔަތާއި މެދު ސުވާލު އުފައްދަން ޖާގަވެސް އެބައޮތެވެ. ސަބަބަކީ ކުރިން ކުޅިވަރު ޤައުމީ މަޖިލީހުން އަމަލުކޮށްފައިވާ ހަމައެވެ. މީގެ ކުރިން ވޯލީބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށް ކުޅިވަރު ޤައުމީ މަޖިލީހުން ތަޅުއެޅުވީ އެއެސޯސިއޭޝަންގެ އަހަރީ އާއްމު ބައްދަލުވުން ދެ އަހަރު ވަންދެން ނޫއްބޭއްވި މައްސަލަ ފެންމަތިކޮށެވެ. އެފަހަރުވެސް އެއީ އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ބޯމަތިވެފައިވަމުން އައި ދުވަސްވަރެވެ.

މިފަހަރުވެސް މަންޒަރު ފުރޮޅި މިދިޔައީ ހަމަ އެހާލަތާއި އެއްގޮތަށެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ނޮމިނޭޝަން މިފަހަރު ބަދަލުވި ހާލަތަށް ރިޔާއަތްކޮށް، ކުއްލިއަކަށް ޗެސް އެސޯސިއޭޝަން ވަޒީރުގެ ރާޑަރަށް އެރިގޮތެވެ. ޗެސް އެސޯސިއޭޝަންގެ ހާލަތު ދެނެގަތުމަށް އެ އެސޯސިއޭޝަންގެ މަންތިރި މިނިސްޓްރީއަށް ހާޒިރު ކުރިވާހަކަ އެވެ.

ވެގެން އުޅޭގޮތް މިނިސްޓަރ ސާފުކޮށްދެއްވާ އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އެމް.އޯ.ސީގެ އިންތިހާބަށް ނޮމިނޭޓްކޮށް ދިނުމަށް ކުޅިވަރު ވަޒީރު އެދުނު ވާހަކަ ޗެސްގެ ފަރާތުން މައުލޫމަތު ދިނެވެ. އަދި ބަދަލެއްގެ ގޮތުގައި ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ޗެސް އެސޯސިއޭޝަނަށް މިނިސްޓްރީން ފައިސާ ދޫކުރުމަށް މަގުތަކެއް ކޮށްޓަވައި ދެއްވާނެ ވާހަކަވެސް ޗެސް އެސޯސިއޭޝަނުން މިނިސްޓަރީއަށް ހާޒިރުކުރި ފަރާތުން މައުލޫމާތު ދިންކަމަށްވެސް އެބަބުނެ އެވެ.

ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދިފައިވާ އޮތް ޗެސް އެސޯސިއޭޝަން ހަމައާއި އުސޫލުގެ ބޭރުން ކުއްލިއަކަށް ހަފޮޅުން އެތެރެކޮށް، ކަނު ހަސަނަށް މޫދު ފެނިގެން އުޅޭ ބީދައިން މިނިސްޓަރ އުޅުނު ވާހަކަ ތިލަވީ މިހާ ހިސާބުންނެވެ. ވަޒީރު އެކަން ކުރެއްވީ އެމް.އޯ.ސީގެ ޕަރަންޕަރާ ދަމަހައްޓައި ދެއްވުމަށް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ. އެބީދައިން ކަންހިންގަން ވާޒީރަށް މަޖުބޫރުވާ ހާލަތެއް އޮތުމަކީވެސް ހަމަ އެކަށީގެން ވާކަމެކެވެ.

 

ޗެސް އެސޯސިއޭޝަންގެ ނޮމިނޭޝަން ސައްހަތޯ؟

ޤަނޫނީ ހައިސިއްޔަތު ގެއްލިފައި އޮތް ހިންގާ ކޮމިޓީއަކުން ނިންމޭނީ ކޮން ސައްހަ ނިންމުމެއްތޯ މިކުރެވޭ ސުވާލެކެވެ. އިވޭ އަޑުތަކަށް ބަލާއިރު، ޗެސް އެސޯސިއޭޝަނުން އެމް.އޯ.ސީއަށް ނޮމިނޭޝަން ކަނޑައެޅީ ކުއްލިގޮތަކަށް އެކުލަވާލި ހިންގާ ކޮމިޓީއަކުންކަމަށް އެބަބުނެވެ. ކަންމިހެން އޮތް އިރު، ޗެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބެއް ބޭއްވިކަމަށް ބުނެ މިނިސްޓްރީއަށް ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރުމަށް ހުށައެޅި ވާހަކައެއްވެސް އުފަންވެގެން އެބައުޅެ އެވެ.

އާއްމު އުސޫލުން ހިންގާ ކޮމިޓީއެއް ރަޖިސްޓްރީކޮށް ދިނުމަށް އެދި ހުށައަޅަންޖެހޭ ފަރާތަކީ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ކޮމިޝަނަރ އޮފް ސްޕޯރޓްސްއެވެ. އަދި އިންތިހާބެއް ބާއްވާނަމަ އެކަން ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ސަމާލުކަމަށް އެކަން ގެނައުމަކީވެސް އެޖަމިއްޔާގެ ޒިންމާއެކެވެ. ޗެސް އެސޯސިއޭޝަން އިންތިހާބެއް ބޭއްވިކަމަށް ބުނެ އެންމެ ފަހުން ހުށައެޅި ހިންގާ ކޮމިޓީގެ ތަފްސީލް ކޮމިޝަނަރ އޮފް ސްޕޯރޓްސް އާއި ހަމައަށް އައިރު އޮތީ އުސޫލުންބޭރުން ކުޅިވަރު ވަޒީރު އެދުނު ހަމައިން ޗެސް އެސޯސިއޭޝަންގެ ނޮމިނޭޝަން ކަނޑައަޅާދީ އެމް.އޯ.ސީއަށް ގަޑިއަށް ހުށަވެސް އަޅާފައިވާކަމަށް ބުނެ އެވެ.

ގައުމީ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީއަށް ހުށައަޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ޖަމިއްޔާތައް ރަޖިސްޓްރީ ކުރާ ގަވައިދު ބުނެދީފައި އޮތީ ކޮމިޝަނަރ އޮފް ސްޕޯރޓްސްއަށް ހުށައަޅާށެވެ. އަދި ޤައުމީ އެސޯސިއޭޝަންތަކަށް މިކަން ވަރަށް ރަނަގަޅަށް ފަހުވެ ތިބެ މިނިސްޓްރީއަށް ފޮނުވުން ދޭހަވަނީ ބޮޑު އަރަތެއްގެ ގޮތުގައި އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ޗެސް އެސޯސިއޭޝަންގެ ނޮމިނޭޝަން ކަނޑައަޅަން ފާސްކޮށްފައިވާ ރިސޮލޫޒަންގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކުޅިވަރު ޤާނޫނުގެ 51 ވަނަ މައްދާއަށް ފުށުއަރާ މަގާމެއްގައި ހުރި ފަރާތެއްވެސް ސޮއިކޮށްފައި އެބައޮތެވެ. ދެން އޮތީ އިދާރީ ހަމައަކުން ޗެސް އެސޯސިއޭޝަންގެ އެނޮމިނޭޝަން ސައްހަކުރާނެ ގޮތެއް ހޯދުމެވެ. މިކަމުގައިވެސް ކުޅިވަރު ވަޒީރުގެ ހިކުމަތު އަމަލީ އިސްކުރައްވާ ބޮނދު ބުޑަށް ސައި ކިއުއްވާނެ ކަމަށް ގިނަބައަކު ގަބޫލްކުރެ އެވެ.

ކުޅިވަރުގެ ވަޒީރުގެ މައިގަނޑު ފޯކަސް އަބަދުވެސް އޮލިމްޕިކް ކޮމިޓީއަށް!

މިއީ ކަން ހިގާ ހަމަކަންވެސް ޤަބޫލް ކުރަން ޖެހެ އެވެ. އެއީ ސަބަބެއްވެސް ނެތި އެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރު ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ ބަދަލުގައި ކުޅިވަރު ވަޒީރު ގިނަ ވަގުތު މިއުޅުއްވަން ޖެހިފައި އޮތީ އޮލިމްޕިކް ކޮމިޓީގެ ހިމާޔަތުގަކަމަށް ވާތީ އެވެ. މިއީ ރުގިޔާ ކޮށްގެން ނަމަވެސް ހައްލެއް ހޯދޭތޯ ބަލަންވެއްޖެ ކަމެއް ކަމަށް ދެކޭ ބައުކުވެސް އެބައުޅެ އެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން އެތައް ހެޑްލައިންތަކެއް މީޑިއަށް ދޫކުރައްވާފައިވާ ހުރިތަން އެހެރީ ފެންނާށެވެ. މިއީން އެއްވެސް ކަމެއް އަދި ކޮޅެއްގެ ޖެހިގެންދާތަން ފެންނަނީ ހަމައެކަނި އެ ހެޑްލައިންތަކުން އެކަންޏެއެވެ. ކަން މިހެން އޮތް އިރު ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަމަށް ފޯކަސް ހިންގުން މާމުހިންމު ނޫންތޯ އެވެ.

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ނުކުޅޭތާ ދެ އަހަރު ވަނީ އެވެ. ގައުމީ ޓީމްތައް ފުރުވަން ޓީކެޓް ހަމަޖައްސައިދީ ފުޓްބޯޅަ ކްލަބްތަކަކަށް ފައިސާ ދޫކުރުމުން ފުދުނީތޯއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އަދިވެސް އޮތީ ވާނުވާގަ އެވެ. ގައުމީ ވޮލީ ކޯޗު ފުރައިގެން އެދިޔައީ ރަނގަޅު އިންޑޯ ފެސިލިތީއެއް ނެތިގެންކަމަށް ބުނެއެވެ. ގަލޮޅު ދަނޑު އެއޮތީ ވީރާނަވެ ހަލާކުވެފަ އެވެ.

މިއީކީ ކުޅިވަރު ގާނޫނު އިސްލާހު ނުކުރެވިގެން ނުވަތަ ކުޅިވަރު މާސްޓަރ ޕްލޭނެއް ފައިނަލްކޮށްގެން ކުރަން ޖެހޭ ކަންކަން ތޯއެވެ. ކުޅިވަރު ވަޒީރު އަދި މިފެނިގެންދަނީ ފެންވެރުމުގެ ކުރިން ފުއްޖައްސަވާ ބީދައިންނެވެ.

އެޑިޓަރުގެ ނޯޓު: 

ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަން އެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް