ads
މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރު
މުލީ އެއާޕޯޓަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި: މުއްތަލިބް
މުލަކަތޮޅު މުލީގެ ބިންހިއްކުމާއި އެއާޕޯޓް ތައްގީކުރުމަށް ސަރުކާރުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

މުލި އެއާޕޯޓް ހުޅުވުމަށް މިއަދު ހެނދުނު މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މިއަދަކީ މ. އަތޮޅުގެ ރައްޔިތުންނާއި މުލީގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް ކަމަށެވެ. އަދި އެކި ސަބަބުތަކާ ހުރެ އެ އެއާޕޯޓުގެ މަސައްކަތް 11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުއްޓިފައި އޮތް މަޝްރޫއު އަލުން ފަށައި، މަސައްކަތް ނިމުނުއިރު މުޅި ޕްރޮޖެކްޓަކަށް 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މީމު އަތޮޅަކީ އާބާދީ ކުޑަ ނަމަވެސް ގުދުރަތީގޮތުން މުއްސަނދި، ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ފުރުސަތުއޮތް އަތޮޅެއްކަމަށެވެ. އެއާޕޯޓް މަޝްރޫއުވެގެންދަނީ ފަތުރުވެރިކަމުގެ އެތަށް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރޯއްޓެއްކަމަށާއި، އިގުތިސާދީ ނަފާވެރިކަމަށް މުހިންމު ބިނާރެއްކަމަށް ވިދާޅުވި އެވެ.

"2014ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭހެން 540 މިލިއަން ރުފިޔާ ސަރުކާރުން މި މަޝްރޫއުއަށް ހަރަދުކޮށްފި. އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖެހޭ. ސަރުކާރުން މި ކުރި ބޮޑު އިންވެސްޓްމަންޓް ބަލައިގަނެ، އަތޮޅަށް ތަރައްގީގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެދެން. މި ކުރި އިންވެސްޓުމެންޓު ބަލައިގަނެ، މި އަތޮޅަށް ތަރައްގީ ގެނައުމަށްޓަކާ ޓޫރިޒަމްގެ އިންވެސްޓުމެންޓުތައް ގެނައުމަށްޓަކާ މަސައްކަތްކުރުން،" މުއްތަލިބް ވިދާޅުވި އެވެ.

މުލި އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް މުއިއްޒެވެ. މުލީ އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ. އަދި މި އެއާޕޯޓަށް ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ރާޢްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައްކުރާ އެއާލައިންތަކަށް ރީޖަނަލް އެއާޕޯޓްސް އިން ފުރުސަތު ހުޅުވާލި އެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377ރ. އެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999ރ. އަށް ވަނީ ޓިކެޓް ވިއްކައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް