
މި ވާހަކަފުޅު ދެއްކެވީ، ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނަށް ރަނގަޅީ ވެސް ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގެ އެއްވެސް ކަމެއް ނުހިނގުން ކަމަށެވެ. "މި ދާއިރާ އިން އާމްދަނީ ހޯދާކަށް ނުވިސްނަން،" ރައީސް ވިދާޅުވި އެވެ. ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުމުން ދައުލަތަށް ފައިސާ ލިބިދާނެ ކަމުގައިވީ ނަމަވެސް ސިއްހަތަށް ދުންފަތުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަކީ އެއަށްވުރެ ބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރާ ބިލާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ މަދުވުމުގެ ކަންބޮޑުވުމެއް ނެތް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ދުންފަތުގެ ޓެކްސް އަށް ދައުލަތަށް ލިބޭ އެއްޗެއް ނަމަ ހޭދަކުރަން މި ސަރުކާރުން ނިންމާފައި ވަނީ އާންމުންގެ ސިއްހަތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއީ ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި ތަންފީޒު ކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.