
ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށް ނިންމީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ލިޓަސް ސާވިސް ސެންޓަރުގައި 2017 ވަނަ އަހަރުގެ ޖުލައި މަހު އަނަސް މަރާލި މައްސަލައިގައި ހަތް މީހަކާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ފުލުހުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އެ ހަތް މީހުން އެ ކުށްކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކާ ދެކޮޅަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައިވީނަމަވެސް، އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވާފައެވެ.