
މި މަގާމުތައް ހުސްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިހާދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހިމެނެއެވެ. އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމްގެ އިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު ވެސް ކުރިމަތިލައްވާފައިވެއެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު ވެސް ކުރިމަތިލައްވާފައިވެއެވެ. އަދި ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިބްރާހިމް އަލީ އަދި މުހައްމަދު އިބްރާހިމް ވެސް ވަނީ މި މަގާމަށް ކުރިމަތިލައްވާފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސް ނަން ފޮނުއްވުމުން މަޖިލީހުންނެވެ.