
މި އެމާޖެންސީ ރޫމަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.
މިސަރުކާރުން ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްތަކުގެ އަދަދު ދެގުނަ ވެގެން ގޮސްފައިވެއެވެ. މި އެމާޖެންސީ ރޫމް ފަރުމާކޮށްފައިވަނީ ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ކޮޓަރިއެއްވެސް ހިމެނޭ ގޮތަށެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް އެންމެ ފުރިހަމަ އާލާތްތަކާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލުން ބުނީ މި އެމާޖެންސީ ރޫމުގެ ސަބަބުން އެކްސިޑެންޓްތަކާއި ކުއްލި ފަރުވާ ބޭނުންވާ ކޮންމެ ހާލަތެއްގައި އެ ހޮސްޕިޓަލުން ވަގުތުން ރަނގަޅު ފަރުވާ ލިބެން ފަށާނެ ކަމަށެވެ. މިދިޔަ އަހަރު ޓާޝިއަރީ ފެންވަރަށް ބަދަލުކުރި ހުޅުމާލެ ހޮސްޕިޓަލުގައި 4 އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ، އެންއައިސީޔޫގެ އިތުރުން ސީއެސްއެސްޓީގެ ހިދުމަތްވެސް ވަނީ ފަށާފައެވެ. ހުޅުމާލެ ހޮސްޕިޓަލުން އަހަރެއްގެ މައްޗަށް 380،000 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދެއެވެ.