ads
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ހުށަހެޅުއްވި ކަންކަމާމެދު، ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވުން
"ވާނުވާ" ޖަހައިފައި ތިބި މީހުން، ޓެގު އަޅުވައި މިނިވަންކުރަން ފަށައިފި
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންނަށް އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
Advertisement

އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެށުނު މަސައްކަތުގެ ތެރެއިން ވާނުވާ މައްސަލައަށް ހައްލުތަކެއް ލިބި ޝަރުތު ފުރިހަމަވާ މީހުންގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށެވެ.

"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މި މަސައްކަތް ފެށުމާ ގުޅޭ ގޮތުން ކުރި މަސައްކަތުގެ ތަފްސީލެއް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައެއް ނުވެ އެވެ.

ޕީޖީ އޮފީހުން ނިންމާފައި ވަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށެވެ. އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން މީހުން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެެއް ހަދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އެކި މައްސަލަތަކުގެ ތަހުގީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ. 

ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވެ އެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް