
ޑިފެންސް މިނިސްޓްރީގެ ހުއްދަ އޮތް ކަމުގައި ވިޔަސް ގުދަން ހިންގުމުގައި ކުންފުނިން އިހުމާލުވެފައިވާ ކަމަށް ބެލެވޭ މިންވަރަށް ހެކި ހުރި ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ގްރީން ޕާތުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ހުކުމް ބާތިލްކޮށްދިނުމަށް އެދުނު ނަމަވެސް ހައިކޯޓުން ނިންމީ ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމަށެވެ.
ހެންވޭރުގައި ހުރި މި ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އަނދައި، އަދި އެކަކު މަރުވެފައިވެއެވެ. އިތުރު 11 ގެއަކުން މީހުން ނުކުންނަން ޖެހުނު އިރު، 400 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. ރަދުވާނިޔާގެ، އިވާއު، އިރާނުގެ، ކަޅުހުރާ، ކަޅުހުރާ ގާޑަން އަދި އަލްފާ އަކީ ދިރިއުޅެން ނުވާވަރަށް ގެއްލުން ލިބުނު ގެތަކެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއް ހިންގާއިރު އާންމު މިންގަނޑަށްވުރެ ފަރުވާތެރިވުމުގެ ގާނޫނީ ޒިންމާއެއް ގްރީން ޕާތަށް އޮވެމެ، އެ ޒިންމާ އަދާކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ. ގުދަނުގައި ކަރަންޓު ހުރިކަން ނުވަތަ ނެތްކަން ވެސް ކުންފުންޏަށް ބުނެދެވިފައިނުވާތީ، އެގްޒޯސްޓް މަސައްކަތްކުރާކަން ނުވަތަ ނޫންކަން ވެސް ނޭނގޭކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ގެއްލުމުގެ ބަދަލު ހޯދުމަށް ތިން އާއިލާއަކުން ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.